18 Aug 2015, 21:08
ތައިލޭންޑްގެ ވެރިރަށް ބެންކޮކްގެ މެދުތެރޭ ސަރަހައްދުގައި ހުންނަ އެރަވަން ޝްރައިންއަށް އިއްޔެދިން ބާރުގަދަ ބޮމުގެ ހަމަލާއާ ގުޅިގެން އެގައުމަށް ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް 24 ގައުމަކުން އެގައުމުތަކުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފި އެވެ.
އެހެން ނަމަވެސް ތައިލެންޑަށް ނުދިއުމަށް އެއްވެސް ގައުމަކުން އެގައުމުތަކުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައެއް ނުވެއެވެ.
ތައިލެންޑުގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ، އެގައުމުގެ އޮންލައިން ނޫހެއްކަމަށްވާ ބެންކޮކް ޕޯސްޓުން ބުނެފައި ވަނީ، 12 ގައުމަކުން "ލެވެލް2" އެޑްވައިޒަރީސް ނެރެފައިވާ އިރު، އެ ގައުމުތަކުގެ ރައްޔިތުން ތައިލެންޑަށް ގޮސް އުޅުމުގައި އިތުރަށް ސަމާލުވުމަށް ގޮވާލާފައިވާ ގައުމުތަކުގެ ތެރޭގައި އޮސްޓްރިއާ، ބެލްޖިއަމް، ޑެންމާކް، ފްރާންސް، ޖަޕާން، މެލޭޝިއާ، ސިންގަޕޫރު، ސައުތު ކޮރެއާ، ސްވިޑެން، ސްވިޓްޒަލޭންޑް، ތައިވާން އަދި ޔުނައިޓެޑް ސްޓޭޓްސް ހިމެނޭ ކަމަށެވެ.
ތައިލޭންޑްގެ ވެރިރަށް ބެންކޮކަށް އެކި ކަންކަމުގައި ގޮސްއުޅޭ ދިވެހީން، ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށާއި ބެންކޮކްގައި ބޮންގޮއްވި ސަރަހައްދުތަކަށް މިދުވަސްވަރު ނުގޮސްވޭތޯ ބެލުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް އެގައުމުތަކުގެ ރައްޔިތުންނަށް ގޮވާލައި "ލެވެލް 3" ޓްރެވަލް އެޑްވައިޒަރީސް ނެރެފައިވާ ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، ކެނެޑާ، ޗައިނާ، ޖަރުމަން، އިޓަލީ، އަޔަލޭންޑް، ނިއުޒި ލޭންޑް، ރަޝިއާ އަދި ޔުނައިޓެޑް ކިންގްޑަމް ހިމެނެއެވެ.
ކޮންމެހެން ބޭނުމެއް ޖެހިއްޖެ ހާލަތެއްގައި މެނުވީ އެގައުމުގެ ރައްޔިތުން ތައިލެންޑަށް ޒިޔާރަތް ނުކުރުމަށް ގޮވާލައި، "ލެވެލް4"ގެ އެޑްވައިޒަރީއެއް "ރެޑް އެލާޓް" ނެރެފައި ވަނީ ހޮންކޮންގުން އެކަންޏެވެ. އަދި "ލެވެލް1"ގެ އެޑްވައިޒަރީ ނެރެފައިވަނީ ހަމައެކަނި ނެދަލޭންޑުންނެވެ.