ސްރީ ލަންކާގައި އިއްޔެ ނިމިގެންދިޔަ އެގައުމުގެ ރައްޔިތުން މަޖިލީހުގެ އިންތިހާބު ރައީސް މައިތިރިޕާލާ ސިރިސޭނާގެ ޔުނައިޓެޑް ޕީޕަލްސް އެލައަންސް (ޔޫޕީއެފްއޭ) ބަލިކޮށް، ބޮޑުވަޒީރު ރަނިލް ވިކުރަމަސިންހާގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އިން ކާމިޔާބު ކޮށް، ރަސްމީ ނަތީޖާ އިއުލާންކޮށްފި އެވެ.

މަޖިލީހު އިންތިހާބުގައި ޔޫއެންޕީއަށް ވަނީ، 45.7 ޕަސެންޓް ވޯޓު ލިބި، މަޖިލީހުގެ 225 ގޮޑިން 93 ގޮޑި ކާމިޔާބު ކޮށްފަ އެވެ. ނެޝަނަލް ލިސްޓުން އެޕާޓީއަށް ލިބުނު 13 ގޮޑިއާ އެކު ޔޫއެންޕީއަށް މަޖިލީހުން 106 ގޮޑި ލިބޭނެ އެވެ.

ޔޫއެންޕީއަށް ލިބުނު ބޮޑު ކާމިޔާބީ އަށް ފަހު ވެސް، ބޮޑުވަޒީރު ރަނިލްއާއެކު އާ ސަރުކާރެއް ގާއިމްކުރުމަށް މަޖިލީހުން ބޭނުންވާ 113 ގޮޑީގެ އަގްލަބިއްޔަތެއް ޔޫއެންޕީއަކަށް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. ނަމަވެސް ޔުނިޓީ ސަރުކާރެއް ގާއިމްކުރުމަށް އެހެން ޕާޓީތަކުން ޔޫއެންޕީއާ ގުޅޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

ނެޝަނަލް ލިސްޓަކީ އިންތިހާބުގައި ޕާޓީތަކުން ކާމިޔާބުކުރި ގޮޑިތަކުގެ އިތުރުން އިންތިހާބުގައި ޕާޓީތަކަށް ލިބުނު ވޯޓުގެ ނިސްބަތަކުން ކޮންމެ ޕާޓީއަކަށް ވެސް ދޫކުރާ ގޮޑިތަކެކެވެ. އެ ގޮޑިތަކަށް މެމްބަރުން އައްޔަންކުރާނީ އިންތިހާބެއް ނެތި ޕާޓީގެ ފަރާތުންނެވެ.

ނެޝަނަލް ލިސްޓުގެ އަދަދަކީ، 29 މެމްބަރުންނެވެ. އެއީ 22 ޑިސްޓްރިކްޓަކުން މަޖިލީހަށް ހޮވާ 196 މެމްބަރުންގެ އިތުރުންނެވެ.

މިއަދު ހަވީރު އާއްމުކުރި ސްރީ ލަންކާގެ އިންތިހާބުގެ ރަސްމީ ނަތީޖާ ދައްކާގޮތުން، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރު ކަމަށް ގެނައުމަށް މަސައްކަތްކުރި އިދިކޮޅު ޔޫޕީއެފްއޭއަށް ކާމިޔާބު ކުރެވުނީ 83 ގޮނޑިއެވެ. ނެޝަނަލް ލިސްޓުން އެ ޕާޓީއަށް ލިބުނު 12 ގޮޑިއާއެކު އެ އަދަދު 95 އަރައެވެ.

ތަމަޅައިންގެ ބޮޑު ނިސްބަތެއް އޮންނަ އުތުރު ޕްރޮވިންސްގެ ގޮޑިތައް ކާމިޔާބު ކުރީ ޓަމިލް ނެޝަނަލް އެލަޔަންސް (ޓީއެންއޭ) ގައި ހިމެނޭ މައި ޕާޓީ، އިލަންކައި ޓަމިލް އަރަސު ކަޑްޗީ (އައިޓީއޭކޭ) އިންނެވެ. އެ ޕާޓީއިން 14 ގޮޑި ކާމިޔާބު ކޮށްފައިވާއިރު، ޖަނައްތަ ވިމުކްތި ޕެރަމުނާ (ޖޭވީޕީ) އަށް ލިބުނީ ހަ ގޮޑިއެވެ.

ޓީއޭއެން އަށާއި ޖޭވީޕީއަށް، ކޮންމެ ޕާޓީއަކަށްވެސް ނެޝަނަލް ލިސްޓުން ދެ ގޮޑި ލިބޭނެ އެވެ.

މީގެ އިތުރުން އިންތިހާބުގައި ވާދަކުރި ކުދި ޕާޓީތަކުގެ ތެރެއިން އީލަމް ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީ އަދި ސްރީލަންކާ މުސްލިމް ކޮންގްރެސް އިން ކޮންމެ ޕާޓީއަކުން ވަނީ އެއް ގޮޑި ކާމިޔާބު ކޮށްފައެވެ.