ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ދިގު މުއްދަތަކަށް ކުރައްވާފައިވާ އަލްއުސްތާޛު ޢަބްދުﷲ ޙަމީދު އަވަހާރަވުމާ ގުޅިގެން ތައުޒިޔާގެ ދަފްތަރެއް ހުޅުވުމަށާއި މަޖިލީހުގެ މާދަމާގެ ޖަލްސާ ނުބާއްވާގޮތަށް ހަމަޖައްސަވައިފި ވި އެވެ.

މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު މިރޭ ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް އެގޮތަށް ނިންމެވީ، އަބްދުﷲ ހަމީދު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ކަމަށެވެ.

އަބްދުﷲ ހަމީދު އަވަހާރަވުމުގެ ހިތާމައިގައި ރައްޔިތުންގެ މަޖިލީހުގައި ދަފްތަރެއް ހުޅުމަށް މަޖިލީހުގެ ރައީސް ނިންމަވާފައިވާއިރު، އެ ދަފްތަރު ހުޅުވާނެ ތާރީޚާއި ގަޑިއެއް ފަހުން އަންގަވާނޭ ކަމަށްވެސް އަމީން އާންމު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މިހާރު މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު މިރޭ ވިދާޅުވީ، "މަޖިލީހުގެ ކުރީގެ ރައީސް އޮނަރަބްލް އަބްދުﷲ ހަމީދު އަވަހާރަވި ޚަބަރު އެހީ ފުން ހިތާމައާއެކުގައި. އެމަނިކުފާނު ދިވެހި ގައުމަށް ކޮށްދެއްވި ގިނަގުނަ ޚިދުމަތްތަކުގެ ޒިކްރާ އަބަދުމެ އާވަމުން ދާނެ،" ކަމަށެވެ.

ޝާހިދު ވިދާޅުވީ، އަބްދުﷲ ހަމީދުގެ ލޮބުވެތި އާއިލާގެ އެންމެހާ ބޭފުޅުންނަށް ތައުޒިޔާ ދަންނަވާ ކަމަށާއި އަބްދުﷲ ހަމީދަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މާތްﷲ މިންވަރުކުރެވުން އެދި ދުއާކުރައްވާ ކަމަށެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިކަމުގެ ލަޤަބް އަރުވާފައިވާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމާއި، ވަޒީރު ކަމުގެ މަޤާމު، ދިގު މުއްދަތެއް ވަންދެން ފުރުއްވާފައިވާ އަބްދުﷲ ހަމީދު އަވަހާރަވީ މީގެ ތިން ދުވަސް ކުރިން ހާޓްއެޓޭކެއް ޖެހިގެން އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.

އަބްދުﷲ ހަމީދުގެ ހަށިކޮޅު ރާއްޖެ ގެނެސް ރަސްމީ އިއްޒަތުގައި ފަސްދާނުލުމަށް، ރައީސް އަބްދުﷲ ޔާމީން ނިންމަވާފައި ވާއިރު، ހަމީދު އަވަހާރަވުމުގެ ހިތާމައިގައި މާދަމާއިން ފެށިގެން ހުކުރު ދުވަހާއި ހަމައަށް ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރާ ގޮތަށް ވެސް ރައީސް ޔާމީން ވަނީ ނިންމަވައިފައެވެ.