13 Mar 2011, 22:09
ޓޯކިޔޯ : ޖަޕާނަށް މިދިޔަ ހުކުރުދުވަހު އައީ ދުނިޔޭގެ ނިސްބަތުންވެސް އާދަޔާ ޚިލާފު ބާރުގަދަ ބިންހެލުމެކެވެ. މިބިންހެލުންއައީ އޭގެ އެއްދުވަސްކުރިން އާދައިގެ ގުޑުމެއްވެސް ރެކޯޑް ކުރެވިފައިވަނިކޮށެވެ. ހުކުރުދުވަހުގެ ބާރުގަދަ ބިންހެލުމަށްފަހު ޖަޕާނުގެ އިރުމަތީ އައްސޭރިފަށުގެ އެތަންމިތަނަށް ސުނާމީގެ ބިޔަ ރާޅުތައް އަރައި ޖަޕާނުގެ ބައެއް ރައްތަށް އެއްކޮށް ދޮވެލިއެވެ.
ބިންހެލުމާބެހޭ ރިޕޯޓްތައް ބުނާގޮތުން މިއީ ވޭތުވެދިޔަ 140 އަހަރުތެރޭގައި ޖަޕާނަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. މިބިންހެލުމުގެ ގުޑުންތަކާއި ހެލުންތައް ތިރީހަކަށް ސިކުންތައް ދެމިގެންދިޔަ ކަމަށްވެއެވެ. އަދި ބޮޑު ބިންހެލުމަށްފަހު އާދައިގެ ކުދިބިންހެލުންތައް ފުލުފުލުގައި އަންނަމުންދިޔައެވެ. މިގޮތުން މިއަދުވެސް ޖަޕާނުގެ އެކިސަރަޙައްދުތަކަށް އެކިވަރުގެ ކުދި ހެލުންތައް އައިސްފައި ވެއެވެ.
މިބިންހެލުން މިހާ ވަރުގަދަވެގެންދިޔައީ ބިންހެލުމުގެ އެޕިސެންޓަރ ބިމުގެ އަޑީގެ ތިލަތަނެއްގައި ވުމުން ކަމަށް ތަޖްރިބާކާރުން ބުނެއެވެ. އެޕިސެންޓަރ ނުވަތަ ބިންހެލުމުގެ މައި މަރުކަޒުހުރީ ޖަޕާނުގެ އިރުއުތުރުގެ އަތިރިމައްޗާ 130 މޭލުދުރުގައިވާ ކަނޑުގެ ބިންގަނޑުގެ އެންމެ 24 ކިލޯމީޓަރ ފުނުގައި ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭން ބުނެއެވެ. އާންމު ގޮތެއްގައި ބިންހެލުން އަންނަކަމަށްވަނީ ބިމުގެ 100 ކިލޯމީޓަރާއި 200 ކިލޯމީޓަރާ ދެމެދުގެ ފުނުގައި ކަމަށް ރެކޯޑްތަކުން ދައްކައެވެ.
ޖަޕާނަށް ކުރިމަތިވި މި ބޮޑުބިންހެލުމާ އަޅާބަލާއިރު އެޤައުމަށް މާބޮޑެތި ގެއްލުންތަކެއް ލިބިފައިނުވާ ކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ. މީގެ މާނައަކީ ޖަޕާނަށް ގެއްލުން ނުލިބޭ ވާހަކައެއްނޫނެވެ. ނަމަވެސް މިފަރާތްތައް ބުނާގޮތުން މިބިންހެލުމާއި އެއާގުޅިގެން އެރި ސުނާމީ ގެ ސަބަބުން ޖަޕާނުގެ އިޤްތިސާދަށް މާބޮޑު ގެއްލުމެއް ނުލިބެއެވެ.
ގެއްލުންތައް ލިބިފައިވާ ސަރަޙައްދުތަކުގައި ހުރިކަމަށްވަނީ ޖަޕާނުގެ އިޤްތިސާދުގެ އެންމެ 8 އިންސައްތައިގެ މިންވަރެއް ކަމަށް ވެއެވެ. މިސަރަޙައްދުތަކަށްވެސް ލިބުނު ގެއްލުމެއް ލިބުނީ ބިންހެލުމަށްވުރެ ބޮޑަށް ސުނާމީ ބޮޑުރާޅުތަކުގެ ސަބަބުންނެވެ. ސުނާމީގެ ރާޅުތަކުގައި ބޮޑަށް ގެއްލުން ލިބިފައިވަނީ ޢިމާރާތްތަކަށާއި މާއްދީ ތަކެއްޗަށްވުރެ މީހުންނަށެވެ.
ސުނާމީ އެންމެ ބޮޑަށްއެރި މިނަމިސަންކީރު އަވަށުން 10 ހާސް މީހުންވަނީ ގެއްލިފައެވެ. މިއީ މިއަވަށުގެ އާބާދީގެ 60 އިންސައްތައެވެ. މިއީ މިކާރިޘާގައި އެންމެ ބޮޑަށް ފާހަގަ ކުރެވުނު ގެއްލުންކަމަށް ޖަޕާނުގެ މީޑިޔާއިން ސިފަކުރެއެވެ.
ޖަޕާނަށް މިއައި ބިންހެލުމުގައި އެޤައުމު އެއްކޮށް ފުނޑުފުނޑުވެގެން ނުދިޔައީ ނުވަތަ ލިބުނު ގެއްލުންތައް ކުޑައީ ބިންހެލުން އަންނާނާނެ ކަމަށް ބަލައިގެން ޖަޕާން ތައްޔާރުވެފައިވާލެއް ފުރިހަމަ ކަމުންކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެތެރެއިން އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ ބިންހެލުންތަކާއެކުވެސް ބިންމައްޗަށް ވެއްޓުނު ޢިމާރާތްތަކާއި ބްރިޖްތަކާއި ގެތައް މަދުވުމެވެ.
ބިންހެލުން އަންނަ ތަންތަނުގައި ގިނަބަޔަކު މަރުވަނީ ވެއްޓޭ ޢިމާރާތްތަކުގެ ދަށުގައި ވެގެންނެވެ. ބިންހެލުންތަކުގެ ސަބަބުން ޖަޕާނަށް ލިބުނު ގެއްލުންތައް ކުޑަވީ ބިންހެލުންތަކަށް ތަޙައްމަލްކުރެވޭ ގޮތަށް ސްޕްރިން ލައްވައިގެން ޢިމާރާތްތައް ބިނާކޮށްފައިވުމުންނެވެ. ބިންހެލުމާއެކު ޢިމާރާތްތައްވެސް ހެލޭތަން ފެންނަމުން ދިޔައެވެ. ނަމަވެސް ނިސްބަތުން ވަރަށް މަދު ޢިމާރާތެއްނޫނީ ވެއްޓިފައެއް ނެތެވެ.
އެހެން ޤައުމަކަށް މިފަދަ ބާރުގަދަ ބިންހެލުމެއް އައިނަމަ ޖަޕާނަށް ލިބުނު ގެއްލުމުގެ އެތަށް ސަތޭކަ ގުނަ ބޮޑު ގެއްލުންތަކެއް ލިބި އެޤައުމަކުން މިލިޔަނުން މީހުން މަރުވާނެ ކަމަށް ތަޖްރިބާކާރުން ލަފާކުރައްވައެވެ.
ހުކުރު ދުވަހުގެ ބިންހެލުމުގެ ގެއްލުންތަކަށް ބަލާއިރު މަރުވި މީހުންގެ ޢަދަދުވަނީ 2000 އަށްވުރެވެސް ދަށުގައެވެ. ޒަޚަމްވި މީހުންނާއި ގެއްލުނު މީހުންގެ ޢަދަދު 15000 އަށް އަރާނެކަމަށްވަނީ އަންދާޒާ ކުރެވިފައެވެ.
މީގެއިތުރުން ފުކުޝީމާ ނިއުކްލިޔަރ ރިއެކްޓަރަށްވެސް ގެއްލުން ލިބުނީ އެތަން ފުނޑުފުނޑުވުމުގެ ބަދަލުގައި އެތަނުން ކަރަންޓް ދިޔުމާއެކު ފިނިކުރާ ނިޒާމް ހަލާކުވެ އޯވަރ ހީޓް ވެގެން ކަމަށް ޚަބަރުތައް ބުނެއެވެ. -- އަލްޖަޒީރާ، ނޫސްއެޖެންސީތައް