ރަނގަޅުގޮތުގައި ކުނި މެނޭޖުކުރުމަށް އެކުލަވާލާފައިވާ ގައިޑްލައިން 3 އާރު (ރެޑިއުސް، ރީޔޫސް، ރީސައިކަލް) އިމްޕްލިމެންޓް ކުރުމުގެ ސަބަބުން އިގްތިޞާދަށް އެކި ދާއިރާތަކުގައި ލިބޭނެ ފައިދާތަކުގެ މައްޗަށް ފުޅާ ދާއިރާއެއްގައި މިއަދުގެ 3 އާރު ފޯރަމްގައި ބައިވެރިން މަޝްވަރާކޮށްފި އެވެ.

އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގައި ކުނި މެނޭޖް ކުރުމާ ބެހޭ ގޮތުން ބާއްވާ އެންމެ ބޮޑު ފޯރަމް 3 އާރްގައި އެ މައުލޫގެ އެކި ތީމްތަކަކަށް ހަތަރު ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެއްވަގުތެއްގައި މިއަދު ކުރިއަށްދިޔަ ހަތަރު ސެޝަންގެ ތެރެއިން ފުރަތަމަ ސެޝަނަކީ 3 އާރު ތަނެއްގައި އިމްޕްލިމެންޓް ކުރުމުގެ ސަބަބުން އާބަން ސެކްޓަރަށް ލިބޭ އިގްތިޞާދީ ކުރިއެރުމުގެ މައްޗަށް މަޝްވަރާ ކުރުމަށް ކުރިއަށް ގެންދިޔަ ސެޝަނެކެވެ.

ޖުމްލަ ދެގަޑިއިރަށް ކުރިއަށްދިޔަ އެ ސެޝަންގައި، މައުލޫގެ ދަށުން ގިނަ ގަައުމުތަކަކުން ވަނީ ވާހަކަ ދައްކާފައެވެ.

ކޮންސްޓްރަކްޝަން މަސައްކަތްތަކުގައި ބޭކާރުވާ ތަކެތި ނުވަތަ ކުނި މެނޭޖުކޮށްގެން އިގްތިޞާދީގޮތުން ފައިދާ ހޯދޭނެ ގޮތްތަކުގެ މައްޗަށް ވަނީ ދެވަނަ ޝެޝަންގައި މަޝްވަރާ ކޮށްފައެވެ. އެ ސެޝަންގައި ރާއްޖޭގެ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވަނީ ބައިވެރިވެ ވަޑައިންނަވާފައެވެ.

ބަޔޯމާސް ކުނި ބޭނުންކޮށްގެން އިގްތިޞާދަށް ފައިދާ ވާގޮތަކަށް މެނޭޖު ކުރުމުގެ އިތުރުން އިލެކްޓްރޯނިކް ކުނިތައް މެނޭޖު ކުރުމުގައި 3 އާރު ގައިޑްލައިން ބޭނުން ކުރުމުގެ ސަބަބުން ލިބިދާނެ އިގްތިޞާދީ ފައިދާގެ މައްޗަށް ދެ ޝެޝަން ކުރިއަށް ގެންގޮސްފައިވެއެވެ.

ޖުމްލަ ފަސް ރައުންޑްޓޭބަލް ސެޝަން ބާއްވާފައިވާއިރު އެއިން އެއް ސެޝަނަކީ މުޅިން ވަރަށް ހާއްސަ ސެޝަނެއް ކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ބުންޏެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ބައިވެރިވެ ވަޑައިންނެވި އެ ސެޝަނަކީ ޖަޒީރާ ރަށްތަކުގައި 3 އާރު އިމްޕްލިމެންޓް ކުރުމާއި އެ އިމްޕްލިމެންޓް ކުރުމުގެ ސަބަބުން ލިބޭނެ ފައިދާތަކުގެ މައްޗަށް މަޝްވަރާކުރި ސެޝަނެކެވެ.

އެފަދަ ނިޒާމެއް ގާއިމު ކުރުމަށް ހުރި ގޮންޖެހުންތަކުގެ މައްޗަށްވެސް މިއަދުގެ ސެޝަންގައި ވަނީ މަޝްވަރާކޮށްފައެވެ.

މިއަދުގެ ސެޝަންތަކާ ބެހޭގޮތުން އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފައިވަނީ ހުރިހާ ސެޝަންތަކަކީވެސް ރާއްޖެއާ ވަރަށް ބޮޑަށް ގުޅުން ހުރި މައުލޫމާތުތަކެއް ހިއްސާ ކުރެވުނު ސެޝަންތަކެއް ކަމަށެވެ.

އިއްޔެ ރަސްމީކޮށް ފެށި 3 އާރު ފޯރަމް އަކީ ކުނި މެނޭޖު ކުރުމާ ގުޅޭގޮތުން ބާއްވާ ބައިނަލްއަގުވާމީ ފޯރަމަކެވެ. އެ ފޯރަމް މާދަމާ ނިމޭނެއެވެ.