18 Aug 2015, 19:20
ސިޔާސީ ގޮތުން ނުރަނގަޅު ކަންތައްތަކުން އެކަހެރިވެ، ގައުމުގައި ސިޔާސީ އާ ސަގާފަތެއް ގާއިމްކުރުމަށް އެކުގައި މަސައްކަތްކުރުމަށް ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގް އެގައުމުގެ ރައްޔިތުންނަށް ގޮވާލައްވައިފި އެވެ.
އިއްޔެ ނިމިގެންދިޔަ އެގައުމުގެ މަޖިލިސް އިންތިހާބުގައި ގިނަ ގޮނޑިތަކެއް ކާމިޔާބު ކުރި ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ލީޑަރު ރަނިލް ވިދާޅުވީ، މޮޅު ދެރަ މީހުން ވަކިކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެކުގައި އެއް އާއިލާއެއްގެ ގޮތުގައި ގައުމު އެކަތި ގަނޑަކަށް ހެދުމަށް މަސައްކަތްކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މޮޅު ދެރަ މީހުން ވަކިކުރުމަކީ ބޭނުންކަމެއް ނޫން. އަހަރެމެން މިހާރު މަސައްކަތްކުރަންޖެހޭނީ އެއް މަންމައެއްގެ ދަރިންތަކެއް ފަދައިން، ގައުމުގައި ސިޔާސީ އާ ސަގާފަތެއް ގާއިމްކުރުމަށް،" އިއްޔެގެ އިންތިހާބުގައި ޔޫއެންޕީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ރަނިލް ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ނިމިގެންދިޔަ އިންތާބުގައި ޔުނައިޓެޑް ނެޝެނަލް ޕުރަންޓަށް ގައުމުގެ ބޮޑު އަގުލަބިއްޔަތެއް ތާއީދު ކުރުމުގެ މާނައަކީ މިއަހަރުގެ ޖެނުއަރީ މަހު ބޭއްވި ރިޔާސީ އިންތިހާބަށްފަހު ގައުމަށް ގެނައި ހެޔޮ ވެރިކަން ދަމަހައްޓަން ބޭނުންވާ ކަމުގެ ހެއްކެކެވެ.
"މިނިވަން އަދި ރަނގަޅު އިންތިހާބެއް އަމާން މާހައުލެއްގައި މިފަހަރު ބޭއްވިއްޖެ. އެ މާހައުލު އަބަދުމެ ބޭއްވުމަކީ އެންމެންގެ ޒިންމާއެއް،" ރަނިލް ވިދާޅުވި އެވެ.
ލަންކާގައި އިއްޔެ ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ރަނިލްގެ ޔޫއެންޕީއަށް ކާމިޔާބު ލިބުނީ، 45.66 ޕަސެންޓް ވޯޓު ލިބިގެންނެވެ. އެގޮތުން އެ ޕާޓީން ވަނީ މަޖިލީހުގެ 225 ގޮނޑިން 93 ގޮޑި ކާމިޔާބު ކޮށްފައެވެ. ނައިބް ރައީސް ކަމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ގެނައުމަށް މަސައްކަތްކުރި އިދިކޮޅު ޕާޓީ، ޕީޕަލްސް ފްރީޑަމް އެލެއަންސް (ޔޫޕީއެފްއޭ) އަށް ލިބުނީ މަޖިލީހުގެ 83 ގޮޑިއެވެ. އެ ޕާޓީއަށް އިންތިހާބުގައި ލިބުނީ 42.38 ޕަސެންޓް ވޯޓެވެ.