ތައިލޭންޑްގެ ވެރިރަށް ބެންކޮކަށް އެކި ކަންކަމުގައި ގޮސްއުޅޭ ދިވެހީން، ރައްކާތެރިވުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށާއި ބެންކޮކްގައި ބޮންގޮއްވި ސަރަހައްދުތަކަށް މިދުވަސްވަރު ނުގޮސްވޭތޯ ބެލުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އިލްތިމާސްކޮށްފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ބެންކޮކްގައި އިއްޔެ ދިން ބާރުގަދަ ބޮމުގެ ހަމަލާއާ ގުޅިގެން އެތަނުގެ ހާލަތު އެ މިނިސްޓްރީން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

ތައިލެންޑުގެ ފުލުހުނާ ހަވާލާދީ ބޭރުގެ ބައެއް މީޑިއާތަކުން، ބޮމުގެ ހަމަލާގައި ޒަހަމްވި މީހުންގެ ތެރޭގައި ދިވެއްސަކުވެސް ހިމެނޭކަމަށް ރިޕޯޓުކޮށްފައި ވީ ނަމަވެސް ފޮރިން މިނިސްޓްރީން މިއަދު ބުނީ އެފަދަ މައުލޫމާތެއް މިހާތަނަށް ތައިލޭންޑުގެ އެއްވެސް ރަސްމީ އިދާރާއަކުން ލިބިފައި ނުވާ ކަމަށެވެ.

ބެންކޮކްގެ މެދުތެރޭ ސަރަހައްދުގައި، މަޝްހޫރު ފަސްތަރީގެ ހޮޓަލެއްގެ ކައިރީ ހުންނަ އެރަވަން ޝްރައިންއަށް އިއްޔެ ދިން ބާރުގަދަ ބޮމުގެ ހަމަލާގައި މަރުވިމީހުންގެ އަދަދު 22 އަށް އަރާފައިވާއިރު އެ ހަމަލާގައި 122 މީހުން ޒަޚަމްވެފައިވެއެވެ. ތައި ރަސްމީ އިދާރާތަކާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން އެ ހަމަލާގައި މަރުވި އަދި ޒަޚަމްވިމީހުންގެ ތެރޭގައި ގިނައީ މެލޭޝިޔާ، ހޮންކޮން، ސިންގަޕޫރު އަދި ޗައިނާ މީހުންނެވެ.

ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ މެދުތެރޭ ހިސާބުގަނޑެއްގައި ހުރި ހިންދޫން އަޅުކަންކުރާ ތަނެއްގެ ކައިރީގައި ދިން ބާރުގަދަ ބޮމުގެ ހަމަލާގައި މަރުވިމީހުން ހޯދައި، އެ ހަމަލާގައި ޒަޚަމްވި މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރަނީ، -- ފޮޓޯ/އޭޕީ

ބެންކޮކްގައި ހުންނަ ރާއްޖޭގެ އޮނަރަރީ ކޮންސުލް ޖެނެރަލް މެދުވެރިކޮށް، އެރަވަން ޝްރައިން ރެސްކިއު އިންފޮމޭޝަން ސެންޓަރާ ގުޅައިގެން ބޮމުގެ ހަމަލާގައި ދިވެއްސަކަށް ގެއްލުމެއް ލިބިފައިވޭތޯ ބަލަމުން އަންނަ ކަމަށާއި އެ ހާދިސާގައި ދިވެއްސަކަށް އެއްވެސް ވަރެއްގެ އަނިޔާއެއް ލިބިފައިވާކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ވެއެވެ.

ތައި ފުލުހުންނާ ގުޅައިގެން ބެންކޮކްގައި ހުންނަ ރާއްޖޭގެ ޓްރޭޑް ރެޕްރެޒެންޓޭޓިވް އިން ވެސް، ބެންކޮކް ބޮމުގެ ހަމަލާގައި ދިވެއްސަކަށް ގެއްލުމެއް ލިބިފައިވޭތޯ ބަލަމުން އަންނަ ކަމަށާއި އެހެން ނަމަވެސް ތައި ފުލުހުންގެ ފަރާތުންވެސް އެފަދަ މައުލޫމާތެއް އަދި މިހާތަނަށް ލިބިފައި ނުވާކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ބޮމުގެ ހަމަލާއާ ގުޅިގެން ދިވެއްސަކަށް އެއްވެސް ވަރެއްގެ ގެއްލުމެއް ލިބިފައި ވާނަމަ، ނުވަތަ އެ ހާދިސާއާ ގުޅިގެން އެނޫންވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެކަން ފޮރިން މިނިސްޓްރީއާ ހިއްސާކުރުމަށް އެމިނިސްޓްރީން ވަނީ އެދިފައެވެ. އެގޮތުން ބެންކޮކުގައި އުޅޭ ދިވެއްސަކު ނަމަ އެގައުމުގައި ހުންނަ ރާއްޖޭގެ އޮނަރަރީ ކޮންސުލްގެ 0066818991566 ނަންބަރަށް ގުޅުއްވުމަށާއި އަދި ރާއްޖޭން ނަމަ ފޮރިން މިނިސްޓްރީގެ ހޮޓްލައިން 7983400 ނަންބަރަށް ގުޅުއްވުމަށް ވެސް އެދިފައި ވެއެވެ.

އިއްޔެ ބޮންގޮއްވާލިކަމަށް ޝައްކުކުރެވޭ، ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ކަޅު ދަބަހެއް ހިފައިގެން ހުރި ޒުވާނަކު ހޯދުމަށް ތައި ސަލާމަތީ ބާރުތަކުން ގެންދަނީ މަސައްކަތްކުރަމުންނެވެ.

ބެންކޮކްގައި ގޮއްވާލި ބޮމަކީ ޓީއެންޓީ ބޭނުންކޮށްގެން އެގައުމުގެ އެތެރޭގައި ހަދާފައިވާ ބޮމެއްކަމަށް ސަލާމަތީ ބާރުތަކުގައި ހިމެނޭ ގޮވާތަކެތީގެ ތަޖްރިބާކާރުން ބުނެއެވެ.

މިހަމަލާއާ ގުޅިގެން ބެންކޮކްގެ އިތުރުން ތައިލެންޑްގެ އެކި ކަންކޮޅުތަކުގައިވާ ފަތުރުވެރިކަމުގެ ސަރަހައްދުތަކުގައިވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

ގާތްގަނޑަކަށް 67 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ތައިލެންޑުގެ އިގްތިސާދު ބިނާވެފައިވަނީ ފަތުރުވެރިކަމާއި މާލީ ޚިދްމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން ދަނޑުވެރިކަމާއި މަސްވެރިކަމާއި ތައްޔާރީ ހެދުން އުފެއްދުމާއި އޮޓޯ މޯބައިލްއާއި އެނޫންވެސް ސިނާއަތްތަކުގެ މައްޗަށެވެ.