ވޮޝިންޓަން (އޮގަސްޓް 18): އައިއެސް އާ ދެކޮޅަށް އެމެރިކާ ދެމުން ގެންދާ ވައިގެ ހަމަލާތަކުން އެޖަމާއަތް ބަލިކަށި ނުވާކަމަށާއި ހަމަލާތަކުން ގެއްލުންވާބައި ފޫބެއްދުމުގެ ގާބިލްކަން އައިއެސްއަށް ލިބިފައިވާކަމަށް އެމެރިކާގެ ޖާސޫސީ ރިޕޯޓެއް ބުނެފިއެވެ.

އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާ ސީއައިއޭއިން ނެރުނު މިރިޕޯޓްގައި ވާގޮތުން އައިއެސްގެ ކޮންޓްރޯލްގެ ދަށުގައިވާ އިރާގާއި ސޫރިޔާގެ ސަރަހައްދުތަކުގެ ރައްޔިތުން އެޖަމާއަތާ ދެކޮޅަށް ނުކުމެގެންނޫނީ އައިއެސް ބަލިކޮށްލެވޭނެ ކަމަކަށް ނުބެލެވެއެވެ.

އައިއެސް އާ ދެކޮޅަށް އެމެރިކާ ދެމުން ގެންދާ ވައިގެ ހަމަލާތަކުން އައިއެސްގެ ހަނގުރާމަވެރިންނެކޭ އެއްގޮތަށް ސޫރިޔާގެ އާންމުން މަރުވަމުންދާކަން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ފާހަގަކުރާއިރު އެ ހަމަލާތަކުން އައިއެސްއަށް ލިބޭ އަސްކަރީ ގެއްލުންތައް އެމެރިކާއަށް ސާފުކުރެވޭނެ ގޮތެއްނެތްކަންވެސް މިރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ސީއައިއޭގެ މުހައްލިލުން ބުނާގޮތުން އެމެރިކާގެ ހަމަލާތަކުން ގެއްލުންވާބައި ފޫބެއްދުމުގެ ގާބިލްކަން އައިއެސްއަށް ލިބިފައިވެއެވެ. އެމެރިކާގެ ހަމަލާތަކާއި އިރާގާއި ސޫރިޔާ ސިފައިންގެ ހަމަލާތަކުން ލިބޭގެއްލުންތައް އައިއެސްއިން ފޫބައްދަނީ ދުނިޔޭގެ ކަންކޮޅުތަކުން ޖިހާދުގެ ނަމުގައި އެޖަމާއަތާ ގުޅޭ ޒުވާނުން އިތުރުވަމުން ދިޔުމާއި ސޫރިޔާގެ ތެޔޮ ވަގަށް ވިއްކައިގެން އެޖަމާއަތުން ހޯދާ އާމްދަނީގެ އިތުރުން އިރާގު ސިފައިންގެ އަތުން ޣަނީމާގެ ގޮތުން އައިއެސް އިން ހޯދާ އެމެރިކާގެ ޒަމާނީ ހަތިޔާރުން ކަމަށްވެއެވެ.

އައިއެސްގެ ކޮންޓްރޯލްގެ ދަށުގައިވާ އިރާގާއި ސޫރިޔާގެ ސަރަހައްދުތަކުގެ ރައްޔިތުންނަކީ މައިގަނޑު ގޮތެއްގައި ސުންނީންނެވެ. އެސަރަހައްދުތަކުގެ ރައްޔިތުންނަށް އައިއެސްގެ ސަބަބުން ބައެއް ދަތިތައް ކުރިމަތިވި ނަމަވެސް އެމީހުންނަކީ އިރާގާއި ސޫރިޔާގެ ސަރުކާރުތަކުން ހިންގާ އަނިޔާވެރި އަމަލުތަކުގެ ޝިކާރައަކަށްވެ އެކަމުގެ އަނިޔާތަކެއް ބަރުދާސްތުކޮށްފައިވާ ބައެއްކަމުން އައިއެސްއާމެދު އެމީހުން ރުހެނީ ބަދަލުހިފުމުގެ ރޫހެއްގައި ކަމަށް މިރިޕޯޓް ބުނެއެވެ.

އައިއެސް އާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެގެން އެކުލަވާލާފައިވާ ކޯލިޝަނަށް އެއް އަހަރު ފުރިފައިވާއިރު އެކަމަށްވަނީ އެތަށްސަތޭކަ މިލިޔަން ޑޮލަރެއް ޚަރަދުވެފައެވެ. އެހެންކަމުން މިހަމަލާތަކުގެ ސްޓްރެޓެޖީ އަލުން މުރާޖައާ ކުރަންޖެހޭކަން ސީއައިއޭ ގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. (ނޫސްއެޖެންސީތައް)