18 Aug 2015, 16:27
ނ. މާފަރު ހިތްފަސޭހަގޭ ހަސަން އަބޫބަކުރު ރަހީނުކޮށް އޭނާ މަރާލުމުގެ ކުށް ސާބިތުވެ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ދެ މީހުން އެ ހުކުމް އިސްތިއުނާފުކޮށްފި އެވެ.
އެ މައްސަލާގައި ހުކުމް އިއްވާފައި ވަނީ ގ. އިރުފާ އަހްމަދު ނައުޝާދާއި ލ. އިސްދޫ އެވަލާސްޓު މުހައްދު ފައިސަލްގެ މައްޗަށެވެ.
އެ ދެ މީހުންގެ ތެރެއިން ނައުޝާދަކީ ހަސަން އަބޫބަކުރަށް ދޮންކާފަ ކިޔާ މީހެކެވެ.
ހައިކޯޓުން އެ މައްސަލަ ބަލައިގެންފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
އުމުރުން 65 އަހަރުގެ ހަސަން އަބޫބަކުރުގެ އަނގަމަތީގައި ޓީޝާޓެއް އަޅައި، ލޯމަތީގައި ބާލީހެއް އަޅައި، އިންސިއުލޭޝަން ޓޭޕުން ދެއަތްބަދެ މަރާލާފައި އޮއްވައި ފެނުނީ 2012 ވަނަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުގެ ރޭގެވަގުތެއްގަ އެވެ.
ހަސަން އަބޫބަކުރު ދިރިއުޅޭ ގޭގެތެރޭގައި އޭނާ ރަހީނުކުރުމުގެ އަމަލު ހިންގާފައި ވަނީ 2012 ވަނަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުގެ ރޭ ދަންވަރު 1:00 އެހާކަންހާއިރު އެވެ.
އެމީހުންގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން މިއަދު އިއްވި ހުކުމްގައި ވަނީ އެމީހުންގެ އަމަލުތަކުގެ ސަބަބުން ހަސަން އަބޫބަކުރު މަރުވެފައިވާކަން އެމީހުން ތަހުގީގުގައ ކިިޔައިދީފައިވާ ވާހަކަތަކާއި ހެކީންގެ ހެކިބަހާއި ގުޅިފައިވާ ގަރީނާތަކުން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެ ދެ މީހުންގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ހަވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.