މޮރިޝަސްގެ ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، އެ ޤައުމުގައި އިއްޔެ ބޭއްވި ރަސްމީ އިޙްތިފާލުތައް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ޝަރަފްވެރިކޮށްދެއްވައިފި އެވެ. މި އިޙްތިފާލުތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ލައިލާ ޢަލީވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މޮރިޝަސްގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރާ މާޗް މަހުގެ 12 ވަނަ ދުވަހަކީ، އިނގިރޭސިންގެ އަތްދަށުން އެ ޤައުމަށް މިނިވަންކަން ލިބުނު ދުވަހާއި، އެޤައުމުގައި ބަރުލަމާނީ ޖުމްހޫރިއްޔަތެއް ޤާއިމު ކުރެވުނު ދުވަހެވެ. މޮރިޝަސް، އިނގިރޭސީންގެ އަތްދަށުން މިނިވަންވީ، 1968 ވަނަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ. އަދި އެ ޤައުމަކީ ޕާލަމެންޓަރީ ރިޕަބްލިކެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައީ، 1992 ވަނަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ.

އިއްޔެ، މޮރިޝަސްގެ ޤައުމީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި، އެ ޤައުމުގެ ރައީސާއި، ބޮޑުވަޒީރާއި، އެ ޤައުމުގެ ސަރުކާރުގެ އިސްބޭފުޅުންނާއި، ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.