ބެންކޮކް (އޮގަސްޓް 18): ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި އިއްޔެ ގޮއްވާލި ބޮމަކީ އެގައުމުގެ ފަތުރުވެރިކަމާއި ވިޔަފާރިއަށް އަމާޒުކޮށްގެން ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއްކަމަށް ބޮޑުވަޒީރު ޖެނެރަލް ޕްރަޔުތު ޗާންއޮޗާ ވިދާޅުވެއްޖެއެވެ.

މިހަމަލާއާ ބެހޭގޮތުން ތައި ރަސްމީ ޓީވީގައި ވާހަކަ ދައްކަވަމުން ޗާންއޮޗާ ވިދާޅުވީ، މިއީ ތައިލެންޑްގެ ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާކަމަށާއި މިހަމަލާގެ ފަހަތުގައި ބޭރުފަރާތެއް ވުމަކީ ދުރުކަމެއްނޫންކަމުގައެވެ.

މިހަމަލާގައި މަރުވިމީހުންގެ އަދަދު 22 އަށް އަރާފައިވާއިރު 122 މީހުން ޒަޚަމްވެފައިވެއެވެ. ބޮމުގެ އެ ހަމަލާގައި މަރުވި އަދި ޒަޚަމްވިމީހުންގެ ތެރޭގައި ގިނައީ މެލޭޝިޔާ، ހޮންކޮން، ސިންގަޕޫރު އަދި ޗައިނާ މީހުންނެވެ.

މި ހަމަލާގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުންދަނީ ޒަޚަމްވި މީހުންގެ ތެރޭގައި ފުރާނައަށް ނުރައްކާވާ ޙާލަތުގައި ތިބިމީހުން ގިނަވުމުންކަމަށް ތައި މަސްއޫލުވެރިން ވިދާޅުވެއެވެ. މިޙަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލާފައިނުވިނަމަވެސް ތައި ދިފާއީ ވަޒީރު ޕްރަޔަތު ވިންގްސްވާން ވަނީ މިޓެރަރިސްޓް ހަމަލާގެ ފަހަތުގައިވާ ފަރާތްތައް ހޯދައި އެފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

ވިންގްސްވާން ވިދާޅުވީ، ފަތުރުވެރިކަމާއި ވިޔަފާރިއަކީ ތައިލެންޑްގެ އިގްތިސާދުގެ އެންމެބޮޑު ދެ ސެކްޓަރުކަމަށާއި ބޮންގޮއްވި މީހުންގެ އަމާޒަކީ މިދެސެކްޓަރު ހަލާކުކޮށްލުންކަމުގައެވެ.

ސީސީޓީވީ ތަކުގެ ފުޓޭޖްތަކުން ފެންނަ ކަޅު ދަބަހެއް ހިފައިގެން ހުރި ޒުވާނާ

ބެންކޮކްގައި ގޮއްވާލި ބޮމަކީ ޓީއެންޓީ ބޭނުންކޮށްގެން އެގައުމުގެ އެތެރޭގައި ހަދާފައިވާ ބޮމެއްކަމަށް ސަލާމަތީ ބާރުތަކުގައި ހިމެނޭ ގޮވާތަކެތީގެ ތަޖްރިބާކާރުން ބުނެއެވެ.

މިހަމަލާއާ ގުޅިގެން ބެންކޮކްގެ އިތުރުން ތައިލެންޑްގެ އެކި ކަންކޮޅުތަކުގައިވާ ފަތުރުވެރިކަމުގެ ސަރަހައްދުތަކުގައިވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

ގާތްގަނޑަކަށް 67 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ތައިލެންޑުގެ އިގްތިސާދު ބިނާވެފައިވަނީ ފަތުރުވެރިކަމާއި މާލީ ޚިދްމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން ދަނޑުވެރިކަމާއި މަސްވެރިކަމާއި ތައްޔާރީ ހެދުން އުފެއްދުމާއި އޮޓޯ މޯބައިލްއާއި އެނޫންވެސް ސިނާއަތްތަކުގެ މައްޗަށެވެ.

މިދިޔަ އަހަރު ތައިލެންޑްގެ ގައުމީ އާމްދަނީއަކީ 366 ބިލިޔަން އެމެރިކާ ޑޮލަރެވެ. މި އާމްދަނީން އެގައުމުގެ ރައްޔިތެއްގެ ބޮލަށް އެވްރެޖްކޮށް 14 ހާސް ޑޮލަރު ޖެހެއެވެ. ތައިލެންޑް ހިމެނެނީ ކުރިއަރަމުންދާ މެދުފަންތީގެ ސިނާޢީ ގައުމެއްގެ ގޮތުގައެވެ.

އިއްޔެގެ ބޮންގޮއްވާލިކަމަށް ސީސީޓީވީ ތަކުގެ ފުޓޭޖްތަކުން ފެންނަ ކަޅު ދަބަހެއް ހިފައިގެން ހުރި ޒުވާނަކު ހޯދުމަށް ތައި ސަލާމަތީ ބާރުތަކުން ގެންދަނީ މަސައްކަތްކުރަމުންނެވެ. މިހާދިސާގެ ސަބަބުން މުޅި ތައިލެންޑަށްވަނީ ސިހުންލިބިފައެވެ. (ނޫސްއެޖެންސީތައް)