18 Aug 2015, 15:36
އިއްޔެ ބޭއްވި ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރެއްވި އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ އަށާއި އެމަނިކުފާނުގެ ޕާޓީ، ޔުނައިޓަޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ) ގެ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ތަހުނިޔާ ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން ރަނިލް ވިކްރަމްސިންހައަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައިރައްޔިތުންގެ ވޯޓުން އެމަނިކުފާނު ހޮވިވަޑައިގަތުމީ އެގައުމުގެ ތަރައްގީއާއި ކުރިއެރުމަށްޓަކައި އެމަނިކުފާނު މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ސްރީލަންކާގެ ގިނަރައްޔިތުންނަށް އޮތްކަން ހާމަވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.
ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ސްރީލަންކާގެ ބޮޑުވަޒީރަށް މަރްޙަބާ ވިދާޅުވެ، ރައީސް ޔާމީން ވަނީ ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.
އިއްޔެ ސްރީލަންކާގައި ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު އަމާންކަން މަތީ ނިމިގެން ގޮސްފައިވާތީ ރައީސް ޔާމީން ވަނީ އެ ގައުމުގެ ރައީސް މައިތްރިޕާލަ ސިރިސޭނައަށް ވެސް ތަހުނިޔާ ފޮނުއްވާފައެވެ.
ރައީސް ޔާމީން ސްރީލަންކާގެ ރައީސް ސިރިސޭނާއާ ސަލާން ކުރައްވަނީ ---- ސަން ފައިލް ފޮޓޯ
ހަމަހަމަ އަދި މިނިވަން އިންތިޚާބެއް ބޭއްވިކަމަށްޓަކައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ސްރީލަންކާގެ ސަރުކާރާއި ރައްޔިތުންނަށް މަރްޙަބާ ވިދާޅުވެ، ރައީސް ޔާމީން ވަނީ ހެޔޮއެދުންތައް ފޮނުވާފައެވެ.
ރައީސްގެ މެސެޖުގައި އިއްޔެ ބޭއްވި އިންތިޚާބުން ސްރީލަންކާގެ ޑިމޮކްރަސީގެ ހަރުދަނާކަމާއި، ކުރީގެ ހާލަތައް ރުޖޫއަވުމުގެ ގާބިލުކަން ސްރީލަންކާގެ ރައްޔިތުންނަށް ލިބިފައިވާކަން ވަރަށް ރަނގަޅަށް ދޭހަވާކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން އިންތިޚާބުގައި ބައިވެރިވި ވޯޓުލާ މީހުންގެ އަދަދު އިތުރުވެފައިވާތީ އަދި އަމާންކަންމަތީ އިންތިޚާބު ނިމިގެންދިޔުމަކީ ސްރީލަންކާގެ ރައީސްގެ ހަރުދަނާކަމާއި ގާބިލް ވެރިކަމުގެ ސަބަބުކަން ރައީސް ޔާމީންގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
ރާއްޖެއާއި ސްރީލަންކާއާ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަގީންކަން ކުރައްވާ ކަމުގައިވެސް ރައީސް ޔާމީންގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.