ތައިލޭންޑްގެ ވެރިރަށް ބެންކޮކްގައި ރޭ ދިން ބޮމުގެ ހަމަލާގައި އެތައް ބަޔަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، ތައިލަންޑުގެ ބޮޑު ވަޒީރު، ޖެނެރަލް ޕްރަޔޫތު ޗާންއޯޗާއަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް ޔާމީންގެ މެސެޖުގައި މި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި، ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވެއެވެ.

އަދި، ތައިލަންޑުގައި ހިންގި ޓެރަރިޒަމްގެ ފިނޑި އަމަލު، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށާއި، މިކަމުގައި ތައިލަންޑާއި، ބައިނަލްއަގުވާމީ ދުނިޔެއާއެކު ރާއްޖެއިން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާނެ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

ރައީސްގެ މެސެޖުގައި އެ ހިތާމައިގައި ބައިވެރިވެވަޑައިގެން، ތައިލޭންޑުގެ ސަރުކާރަށާއި، އެގައުމުގެ އުޚުވަތްތެރި ރައްޔިތުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

ތައިލޭންޑުގެ ވެރިރަށް ބެންކޮކްގެ އިރަވަން ޝްރައިން ސަރަޙައްދަށް ދިން ބޮމުގެ ހަމަލާގައި 22 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި އޭޝިއާގެ އެކި ގައުމުތަކުގެ މީހުން ހިމެނެއެވެ.

ބޮމުގެ ހަމަލާދިން ސަރަހައްދަނީ ދިވެހީން އާންމުކޮށް ގޮސް އުޅޭ ސަރަހައްދެކެވެ.