18 Aug 2015, 14:10
ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރާ މީހެއްގެ އަދަބުގެ ބާވަތް ބަދަލުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މައާފުކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގިންތިތައް ކަނޑައަޅާފައިވާ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ރ) އަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ހިންގާ މައި ޕާޓީ ޕީޕީއެމްގެ މެމްބަރު އަދި މަހިބަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ތާރިގު (ޓޮމް) ހުށަހެޅުއްވި އިސްލާހު ފާސްކުރީ 48 މެމްބަރުންގެ ވޯޓުން ނެވެ.
މިހާރު އެ މާއްދާގައި ވަނީ މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބަކީ، އެ ކުށާ ގުޅިގެން އެ އަށްވުރެ ލުއި އަދަބުތަކެއް ކަނޑައެޅުމަށް ވެސް ގާނޫނުގައި ފުރުސަތު ލިބިގެންވާ ކުށެއް ކަމުގައި ވާހިނދު އޭގެ ތެރެއިން ލުއި ބާވަތެއްގެ އަދަބަށް އޭނާގެ އަދަބުގެ ބާވަތް ބަދަލުކޮށް ދިނުމަކީ ވެސް މައާފްކޮށް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގިންތިއެއް ކަމަށެވެ.
އެ މާއްދާއަށް ހުށަހެޅި އިސްލާހުގައި ވަނީ މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބުގެ ބާވަތް ބަދަލުކޮށްދިނުމަކީ ވެސް މައާފްކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގިންތިއެއް ކަމަށެވެ.
އެ އިސްލާހު އެގޮތަށް ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފިނަމަ، ޖަލު ހުކުމް ތަންފީޒު ކުރަމުންދާ މީހުން ގޭބަންދަށް ބަދަލުކުރުމުގެ ބާރު ގާނޫނީގޮތުން ރައީސަށް ލިބިގެންދާނެ އެވެ.
ތާރިގު ވިދާޅުވީ މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ އެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން ބައެއް ގާނޫނުތަކުގައި އަދަބު ކަނޑައަޅާ ބާވަތްތަކާއި މިންގަނޑުތަކަށް ބަދަލު އައިސްފައިވާތީ އެ ގާނޫނުގެ މަގްސަދު ފުރިހަމައަށް ހާސިލް ކުރުމަށް ކަމަށެވެ.