ޑީއާރުޕީގެ ޒައީމް އައްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމްގެ އިތުބާރު އަނބުރާ ގެންދެވި ނަމަވެސް ޑީއާރުޕީގެ ލީޑާޝިޕަށް ކުރާނެ އަސަރެއް ނެތް ކަމަށް އެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.

"ކޮފީ ވިތު ޑީއާރުޕީ"ގެ ކެންޕެއިންގައި، މިއަދު ހަވީރު "ރާވެރިޔާ ރެސްޓޯރެއްޓް" ގައި ޒުވާނުންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލެއްވުމަށްފަހު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ތަސްމީން ވިދާޅުވީ ޑީއާރުޕީގެ އެތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ގުޅިގެން ޒައީމް މައުމޫން ފޮނުވާފައިވާ ސިޓީގައި މުއާމަލާތްކޮށްފައިވާ ގޮތުގެ ސަބަބުން ޕާޓީގެ ލީޑާޝަޕަށް ތާއީދު ނުކުރާނެ ކަމަށް ޒައީމް މައުމޫން ވިދާޅުވި ނަމަވެސް ކުރާނެ އަސަރެއް ދެން ނެތް ކަމަށެވެ.

"މިހާތަނަށް ހާމަކުރައްވާފައިވާ ކަންތަތައްތަކުން، މިހާރު މި ހުންނެވި ރައީސުލްޖުމްހޫރިއްޔާއާ ދޭތެރޭގައި ވެސް ވިދާޅުނުވާހާ ނުވަތަ ވިދާޅުނުވާ ކަހަލަ ވާހަތައް ވިދާޅުވެފަ އެހެރީ. އެންވީމަ އިތުރަށް ވިދާޅުވާނެ އެއްޗަކުން ކުރާނެ އިތުރު އަސަރެއް އަޅުގަނޑު ގަބޫލެއް ނުކުރަން."
~
ޒައީމް މައުމޫން ސިޔާސީ ޕާޓީ ހަދައިފިނަމަ ޑީއާރުޕީއަށް ކުރާނެ އަސަރާ ބެހޭ ގޮތުން ތަސްމީން ވިދާޅުވީ ޒައީމް ޕާޓީއާ ދުރަށް ވަޑައިގެންފިނަމަ ޑީއާރުޕީއަށް އޭގެ އަސަރު ކުރާނެ ކަމަށެވެ. ނަމަވެސް ހުރިހައި މެންބަރުން ވެސް ޕާޓީއަކީ ވަކި މީހަކާ ގުޅިފައި އޮތް ކަމަކަށް ނުބަލައި ޑީއާރުޕީގައި ދެމިތިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ޕާޓީއަށް އަޅުގަނޑުމެން ވަދެތިބެނީ ވަކި އުސޫލުތަކަކަށް ތަބާވާތީ. އެކަން ކުރިއަރުވަން ބޭނުންވާތީ. އަޅުގަނޑަށް ގަބޫލު ކުރެވެނީ ޕާޓީގެ އިސްބޭފުޅުންނާއި ގިނަ މެންބަރުން ޕާޓީއަށް އިހްލާސްތެރިކަންމަތީގައި ދެމިތިބޭނެ ކަމަށް. އެއީކީ ވަކިމީހަކާ ގުޅިފައި އޮތް ކަމެއް ނޫން."