18 Aug 2015, 15:05
ރާއްޖޭގައި ޓުއަރިޒަމް އަދި ހޮސްޕިޓާލިޓީ ސްކޫލެއް ގައުމީ ޔުނިވަސިޓީގައި ގާއިމު ކުރުމުގެ ސިޔާސަތު ގެންގުޅުއްވާ ކަމަށް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.
ފުޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސްގައި ގައުމީ ޔުނިވާސިޓީގެ ދަރިވަރުންނަށް ލިބުނު ކާމިޔާބީގެ އަގު ވަޒަން ކުރުމަށް މިއަދު ޔުނިވާސިޓީގެ ސެންޓްރަލް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ޗާންސެލަރު ވިދާޅުވީ ޓޫރިޒަމާއި ހޮސްޕިޓާލިޓީ ސްކޫލެއް ގާއިމް ކުރަން ޖެހެނީ އެއީ ރާއްޖޭގައި މިހާރު އޮތް އެންމެ ފުޅާ ދާއިރާއަކީ ޓުއަރިޒަމް ސިނާއަތަށް ވާތީ ކަމަށެވެ.
"ޓުއަރިޒަމް އަކީ ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު އެއް ދާއިރާ. އެހެން ވުމާއެކު ގައުމީ ޔުނިވާސިޓީގައި ޓުއަރިޒަމް ސްކޫލެއް އިންނަން ޖެހުމަކީ މުހިއްމު ކަމެއް. އެހެން ކަމުން ރާއްޖޭގައި ހޮސްޕިޓޭލިޓީ ސްކޫލެއް ގާއިމް ކުރުމުގެ ސިޔާސަތު އަޅުގަނޑުމެން އެބަ ގެންގުޅެން،" އޭނާ ވިދާޅުވިއެވެ.
ގައުމީ ޔުނިވަސިޓީގެ ޓޫރިޒަމް އަދި ހޮސްޕިޓާލިޓީގެ ކޯސްތައް މިހާރު ކުރިއަށް ގެންދަނީ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފްއެޗްއެސް) އިންނެވެ.
ލަތީފް ވިދާޅުވީ ދުނިޔޭގެ ބްރޭންޑަކަށް ރާއްޖޭގެ ޓުއަރިޒަމް ވެފައިވާއިރު އެފްއެޗްއެސް ވެސް މިހާރު އޮތް މަގާމަށް ވުރެ މަތިވާން ޖެހޭ ކަމަށެވެ. އަދި އެ ދާއިރާއަށް ބޭނުންވާ ވަރަށް މީހުން އުފައްދައި ތަމްރީނު ކުރުމަކީ ޔުނިވާސިޓީގެ މުހިއްމު މަސައްކަތެއް ކަމުގައި އޭނާ ވިދާޅުވިއެވެ.
"ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް އެންޑް އެގްޒިބިޝަން"ގައި ރަން މެޑަލް ހޯދާފައި ވަނީ ޔުނިވާސިޓީގެ ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީގެ ދަރިވަރެއް ކަމަށްވާ އާމިނަތު މައީޝާ އެވެ. މައީޝާާ އެއް ވަނަ ހޯދާފައިވަނީ "ޗިކަން- ހޮޓް ކުކިން"ގެ ކެޓަގަރީ އިންނެވެ.
ތިން ދުވަހަށް ކުރިއަށްދިޔަ އެ މައުރަޒުގެ އެކި ކެޓެގަރީތަކުގައި ޔުނިވާސިޓީގެ ދަރިވަރުން ބައިވެރިވެ ވަނީ ހަތަރު ބްރޮންޒް މެޑަލް ވެސް ހޯދައިފައެވެ. ބްރޮންޒް މެޑަލް ހޯދާފައިވަނީ ހަމަ އެ ފެކަލްޓީގެ ދަރިވަރުން ކަމަށްވާ މަރިޔަމް ޔަޝްފާ އާއި ޒާރާ އަބްދުލް އަޒީޒު އާއި އާއިޝަތު އުލްފާ އަދި އަހުމަދު މާހިދު މުހައްމަދެވެ.