މިނިސްޓުރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓުރީގެ ޕާމަނަންޓު ސެކެޓަރީ (ޕީއެސް) ޑރ. އަބްދުﷲ ނަސީރު ސަރުކާރުގައި 32 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު އިސްތިއުފާދެއްވައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަނަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ އިން ފާސްކޮށް، ޑރ. ނަސީރުގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން އިއްޔެ ނެގި ވޯޓުގައި އޭނާ އަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިވަޑައިނުގެންފަ އެވެ.

އިސްތިއުފާއާ ގުޅޭ ގޮތުން ޑރ. ނަސީރު މިއަދު ސަން އަށް ވިދާޅުވީ އިސްތިއުފާގެ ސިޓީ މިއަދު ހުށައަޅާފައިވާނެ ކަމަށާއި އެކަމަކާ އިއްޔެގެ ވޯޓާ ގުޅުވަން ބޭނުން ނުވާ ކަމަށެވެ. މިވަގުތު ވިސްނުން ހުރީ ސަރުކާރުގެ ވަޒީފާތަކާ ދުރުގައި ހުރުމަށް ކަމަށް ނަސީރު ވިދާޅުވި އެވެ.

"އިތުރު މާބޮޑު ކޮމެންޓެއް މިވަގުތަކު ނެތް، ދެން އަޅުގަނޑުގެ އަމިއްލެ ކަންތައްތަކާއި ހުރިގޮތުން [އިސްތިއުފާދިނީ]." ޑރ. ނަސީރު ވިދާޅުވި އެވެ.

އޭނާ އެމިނިސްޓުރީގެ ޕީއެސްގެ މަގާމުގައި ހުންނަވާތާ މިހާރު ހަތް އަހަރުވެއްޖެ އެވެ. ސަރުކާރަށް ހިދުމަތްކުރާތާ 32 އަހަރުވެއްޖެ އެވެ.