18 Aug 2015, 13:37
އެކަށީގެންވާ ރަނގަޅު ކަނޑު ދަތުރުފަތުރުގެ ނިޒާމެއް ނެތުމަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީ އަށް އެޅިފައިވާ ހުރަހެއް ކަަމަށް އޭޝިއަން ޑިވެލޮޕްމެންޓް (އޭޑީބީ) ނެރުނު ރިޕޯޓެއްގައި ބުނެފި އެވެ.
'އޯވާ ކަމިން ދަ ޗެލެންޖަސް އޮފް އަ ސްމޯލް އައިލެންޑް ސްޓޭޓް، ކަންޓްރީ ޑައިގްނޯސްޓިކް ސްޓަޑީ' ރިޕޯޓް ހޮޓެލް ޖެންގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ނެރެދެއްވީ ނައިބު ރައީސް އަހުމަދު އަދީބެވެ.
އެ ރިޕޯޓްގައިވާ ގޮތުން ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީ އަށް ކުރިމަތިވެފައި ވަނީ މައިގަނޑު ހަތަރު ގޮންޖެހުމެކެވެ. އެއީ
އެކަށީގެންވާ އަދި ގާބިލު ކަނޑުދަތުރު ފަތުރުގެ ނިޒާމެއް ނެތުން
- ޕްރެފެޝަނަލް މަސައްކަތްތެރިންނާއި ފުރިހަމަ ތަމްރީން ލިބުފައިވާ މަސައްކަތްތެރިން މަދުވުން
- ދަރަނި އިތުރުވުން
- ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަަކަށް އެކަށީގެންވާ ގޮތުގައި ފައިނޭންސް ލިބޭނެ ގޮތެއް ނެތުން
މީގެ އިތުރުން އެ ރިޕޯޓްގައި ފަހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި އާމްދަނީ ތަފާތުތައް ރާއްޖޭގައި ބޮޑުކަަމަށް ފާހަގަކޮށްފައިވެ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވުމުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ އެ ރިޕޯޓްގެ ސަބަބުން އޭޑީބީ އާ ކުރާ މަޝްވަރާތަކުގައި އިސްކަންދޭން ޖެހޭ ދާއިރާތައް އެނގޭނެ ކަމަށެވެ.
އޭޑީބީގެ ރިޕޯޓް ނެރެމުގެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ
"ތަރައްގީ އަށް ހުރި ގޮންޖެހުންތައް ކަަމަށް މި ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކަކީ މިއަދު ދިވެހި މުޖްތަމައު އިން ފާޅުކަންބޮޑުގޮތެއްގައި ފެންނަން ހުރިކަންތައްތައް،" ޖިހާދު ވިދާޅުވި އެވެ.
އަދި ތަރައްގީ އަށް ދިމާވެފައިވާ އިގްތިސާދީ އަދި އިޖްތިމާއީ ގޮންޖެހުންތައް ނައްތާލުމުގައި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަަމަށް ވެސް ޖިހާދު ވިދާޅުވި އެވެ.
ނެޝަނަލް ޑިވެލޮޕްމެންޓް ސުޓްރެޓެޖީއެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެ މަސައްކަތް މިމަސް ނިމޭ ހިސާބުގައި ނިންމާލެވޭނެ ކަަމަށް ޖިހާދު ވިދާޅުވި އެވެ. އަދި އެ ސުޓްރެޓެޖީ އޭޑީބީ އާއި އެކު ހިއްސާކުރާނެ ކަަމަށް ޖިހާދު ވިދާޅުވި އެވެ.
އޭޑީބީގެ ރިޕޯޓް ނެރެމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒް މޫސާ
އޭޑީބީ ރިޕޯޓް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދާއި ސަރުކާރުގެ އިސް ބޭފުޅުންނާއި މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.