ގައުމީ ވޮލީބޯޅަ ޓީމްގެ ކޯޗް ތައިލެންޑުގެ ސުންޓޮން ފޮސީޓާގެ ކޮންޓްރެކްޓްގެ މުއްދަތު އަންނަ އަހަރު ޖަނަވަރީ މަހު ބާއްވާ ސައުތު އޭޝިއަން ގޭމްސް ނުވަތަ (ސާފް ގޭމްސް)ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނެފި އެވެ.

ވީއޭއެމް އިން ބުނީ ކޯޗާއި މެދު ވީއޭއެމް އިން ހިތްހަމަޖެހޭ ކަމަށާއި ކޯޗް ޓީމާ އެކު ހޯދާފައިވާ ނަތީޖާތަކާމެދު ވެސް ހިތްހަމަޖެހޭ ކަމަށެވެ.

ސައުތު އޭޝިއަން ގޭމްސްގެ ފަހުން ކޯޗްގެ އެއްބަސްވުމުގެ މުއްދަތު އިތުރުވެދާނެތޯ ސުވަލުކުރުމުން ވީއޭއެމްގެ ސެކެޓްރީ ޖެނަރަލް ޙުސައިން މުޙައްމަދު ވިދަޅުވީ މިހާރުގެ ގޯލްއަކީ ސައުތު އޭޝިއަން ގޭމްސް ކަމަށާއި އެ އަށް ފަހު ނިންމާނެ ވަކިގޮތެއް އެނގޭނީ އެމުބާރާތަށް ފަހުގައި ކަމަށެވެ.

ފަސީޓާ ދިވެހި ޓީމްގެ ކޯޗްކަމާ ހަވާލުވީ މިއަހަރުގެ މާޗް މަހު އެވެ.

އޭނާގެ ކޯޗް ކަމުގެ ދަށުގައި ރާއްޖެ އިން ވަނީ އޭޝިއަން ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ރިހި މެޑަލް ހޯދައި ނިމިދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ހަތަރު ވަނަ ހޯދާފަ އެވެ.