އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ކުށެއް ޝައްކެތް ނެތް މިންވަރަށް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، އެ މީހަކަށް އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ އަދަބު ދިނުމަށް ގާނޫނުލް އުގޫބާތަށް ދެ މެމްބަރަކު އިސްލާހު ހުށަހެޅުއްވުމުން ބައެއް މެމްބަރުންގެ ފާޑުކިޔުމާއި ތައުރީފު ރައްދުކޮށްފި އެވެ.

ހައްދުގެ އަދަބާ ގުޅޭ މާއްދާއަކަށް އިސްލާހު ހުށަހެޅުއްވީ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމާއި މަހިބަދޫ ދާއިރާގެ މެމްބަރު މުހައްމަދު ތާރިގު (ޓޮމް) އެވެ. އެ ދެ ބޭފުޅުން ހުށަހެޅުއްވި އިސްލާހުގެ ބަހުސް މިއަދު ވަނީ މަޖިލީހުގައި ކުރިއަށް ގެންގޮސްފަ އެވެ. އެ ދެ ބިލަކީ ވެސް އެއް މަގުސަދެއްގައި ހުށަހެޅުއްވި ބިލުތަކެކެވެ.

ތާރިހުގު ހުށަހެޅުއްވި ބިލުގައި ގާނޫނުލް އުގޫބާތުގެ ތިން މާއްދާއަކަށް އިސްލާހު ހުށަހަޅުއްވާފައިވެ އެވެ. ނަމަވެސް އަނާރާ ހުށަހެޅުއްވި ބިލުގައި ހަމައެކަނި އިސްލާހު ހުށަހަޅުއްވާފައިވަނީ ބިލުގެ 1205 ވަނަ މާއްދާއަށެވެ. ތާރިގު ވެސް ވަނީ އެ މާއްދާއަށް އިސްލާހު ހުށަހަޅުއްވާފަ އެވެ.

ގާނޫނުލް އުގޫބާތުގެ 1205 ވަނަ މާއްދާއަށް ތާރިގު ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައި ވަނީ ގާނޫނުލް އުގޫބާތުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވިޔަސް އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ކުށެއް އެއްވެސް ޝައްކެތް ނެތް މިންވަރަށް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، އަދި އެ މީހާގެ މައްޗަށް ހައްދު ގާއިމް ކުރުމަށް މަނާ ކުރާ ޝަރުއީ ސަބަބެއް ނެތް ނަމަ، އެ މީހާގެ މައްޗަށް ކަނޑައަޅަން ވާނީ އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ހައްދުގެ އަދަބު ކަމަށެވެ.

އެ ބިލުގެ ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްވަމުން އަރާނާ ވިދާޅުވީ އެ އިސްލާހަކީ ގާނޫނުލް އުގޫބަތަށް ގެންނަންޖެހިފައިވާ އިސްލާހެއް ކަމަށެވެ. އަދި އޭނާ އިސްލާހު ހުށަހަޅުއްވާފައި ވަނީ އެގޮތަށް ކަމަށެވެ.

އެފަދަ އިސްލާހެއް ތާރިގު ހުށަހެޅުއްވީތީ، އޭނާއަށް ޝުކުރު އަދާ ކުރައްވައި، އަނާރާ ވިދާޅުވީ އެ އިސްލާހަށް ތާއިދު ކުރެއްވީ ގުރުއާނާއި ސުންނަތުން ސާބިތުވާން ހުރި ހައްދުގެ އަދަބު ގާއިމް ކުރުމަށް ތަނަވަސް ވެގެންދާތީ ކަމަށެވެ. އަރާނާ ވިދާޅުވި ގޮތުގައި ގާނޫނުލް އުގޫބާތުގައި މިހާރު ކަނޑައަޅާފައި ވަނީ ހަމައެނަކި ގުރުއާނުގައި ކަނޑައަޅާފައިވާ ހައްދުގެ އަދަބު އެކަނި ކަމަށެވެ.

"އަޅުގަނޑުމެން ގާނޫނުތައް އެކުލަވާލާއިރު، ހަގީގަތުގައި ގުރުއާނާއި ސުންނަތް އެކުވެފައި އޮތުން، އެ ގޮތަށް އިބާރާތް ވެސް އޮތުން އެއީ ވަރަށް މުހިންމު ކަމެއް. މިހާރު މި އޮތީ ހަގީގަތުގައި ވަރަށް ފުރިހަމަ އިބާރާތަކުންނޭ. މިހެން އޮތުމުން ގުރުއާނާއި ސުންނަތް ވެސް ޝާމިލްވޭ. އަދި ގާޒީންނަށް ހުކުމް ކުރުމުގައި ވެސް ފަސޭހަތަކެއް ވެސް ވޭ،" އަދާލަތު ޕާޓީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވި ހަމައެކަނި މެމްބަރު އަނާރާ ވިދާޅުވި އެވެ.

މަޖިލިސް: ގާނޫނުލް އުގޫބާތުގައި ހައްދާ ގުޅޭ ގޮތުން ބަޔާން ކުރާ މާއްދާއަށް ވަނީ އިސްލާހު ހުށަހަޅާފައި-- ފޮޓޯ/ މަޖިލިސް

ގާނޫނުލް އުގޫބާތުގެ 1205 ވަނަ މާއްދާގައި މިހާރު ބުނެފައި ވަނީ ގުރުއާނުގައި ހައްދު ކަނޑައަޅާފައިވާ ކުށެއް، އިސްލާމީ ޝަރީއަތުގައި ކުށް ސާބިތުވުމަށް އޮތް މިންގަނޑު ކަމުގައިވާ އެއްވެސް ޝުބުހާއެއް ނެތް މިންވަރަށް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، އެ މީހަކަށް މި ގާނޫނުގައިވާ ގޮތުގެ މަތިން، ފަނޑިޔާރު ހައްދުގެ އަދަބު ކަނޑައަޅަންވާނެ އެވެ.

މިދިޔަ މަހުގެ 16 ވަނަ ދުވަހު އަމަލު ކުރަން ފެށި ގާނޫނުލް އުގޫބާތަށް އިސްލާހު ހުށަހެޅުމުން، އެކަމަށް ފާޑުވިދާޅުވެ، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ އަހަރު ދެކޮޅު ގާނޫނު ބަދަލު ކުރުމަކީ ތަހުޒީބީ މުޖުތަމައުގައި އަމަލު ކުރާ ގޮތެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ކުށެއް، ޝަރީއަތުގައިވާ އަދަބު ދިނުމަށް މިހާރުގެ ގާނޫނުލް އުގޫބާތު ހުރަސް ނާޅާ ކަމަށެވެ.

ގާނޫނު އެގޮތަށް އޮއްވައި އަނެއްކާވެސް ހައްދު ގާއިމް ކުރުމުގެ ނަމުގައި ސަރުކާރު ފަރާތުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން ގާނޫނުން އުގޫބާތަށް އިސްލާހު ހުށަހެޅުމުން އެ ބޭފުޅުންގެ މަގުސަދާމެދު ސުވާލު އުފެދޭ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

ގާނޫނުލް އުގޫބާތަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ސުޕްރީމް ކޯޓުން ކުރަމުންދާ މަސަައްކަތަށް އިޝާރާތްކޮށް އަލީ ހުސައިން ވިދާޅުވީ ޕީޕީއެމުން ހުށަހަޅާ އިސްލާހުތަކީ ގާނޫނުލް އުގޫބާތަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް މަގުފަހި ކުރުމަށް ހުށަހަޅާ އިސްލާހެއް ކަމަށް ބެލެވޭ ކަމަށެވެ.

ތާރިގު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވާ ގޮތުން އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް، އިސްލާމީ ޝަރީއަތުގެ އަސްލުތަކުން ސާބިތު ނުވެއްޖެނަމަ، ގާނޫނުލް އުގޫބާތުގެ ދަށުން އެ ކުށެއް ސާބިތު ކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުން އެ ކުށެއް ސާބިތުވެއްޖެނަމަ އެ ގާނޫނުގެ ދަށުން އެ ކުށަކަށް އަދަބެއް ދޭންވާނެ ކަމަށެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު: ގާނޫނުލް އުގޫބާތަށް ތާރިގު އިސްލާހު ހުށަހެޅުއްވީ އިލްމުވެރިންނާ މަޝްރާ ކުރެއްވުމަށްފަހުގައި ކަމަށް ވިދާޅުވި-- ފޮޓޯ/ މަޖިލިސް

ބިލުގެ ބަހުސް މަރުހަލާގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ތާރިގު ހުށަހަޅުއްވާފައިވާ ބިލަކީ ދީނީ އިލްމުވެރިންނާއެކު މަޝްވަރާ ކުރެއްވުމަށްފަހު، އެ ބޭފުޅުންގެ އެދިލެއްވުމުގެ މަތިން ހުށަހެޅުއްވި ބިލެއް ކަމަށެވެ.

"1205 ވަނަ މާއްދާ މިހާރު އޮތް ގޮތުން އޮޅުން އަރާފާނެތީ، އޮޅުން ނާރާފާނެ ގޮތަކަށް މާއްދާތަކަށް ބަޔާންކޮށްދިނުމަސްޓަކާ، އެ މަގުސަދު ކަމުގައި ބިލު ހުށަހަޅާ ސަބަބު ކަމުގައި [ތާރިގު] ވިދާޅުވެފައި އެބަހުރި. 1205 ވަނަ މާއްދާގެ މަނާ އެހެން ގޮތަކަށް ބަދަލުކޮށްލާނެ ފުރުސަތެއް އަމުދުން މިފަދަ ވެއްޓެއްގައި ލިބިދާނެތީ މި އިސްލާހު ޓޮމް ހުށަހެޅުއްވީ،" ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން ވިދާޅުވި އެވެ.

މަރަދޫ ދާއިރާގެ މެމްބަރި އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވީ މިހާރު އަމަލު ކުރަމުންދާ އާ ގާނޫނުލް އުގޫބަތަކީ ބޭރުގެ އެކްސްޕާޓުންނާއި އިސްލާމީ ޝަރީއަތާއި ގާނޫނު އަސާސީއާ އެއްގޮތަށް އެއްތައް އަހަރެއްގެ މަސައްކަތުން އެކުލަވާލާފައިވާ ގާނޫނެއް ކަމަށާއި އެ ގާނޫނަށް އިސްލާހު ގެންނަންޖެހޭނީ ވަރަަށް ބޮޑަށް ދިރާސާ ކުރެއްވުމަށްފަހުގައި ކަމަށެވެ. ގާނޫނުލް އުގޫބާތުގެ އެކި ތަންތަން ކޮޅަށް އިސްލާހު ގެންނަނީ އާ ގާނޫނު އުގޫބާތު "އެކުލަވާލި ކަމުގެ ނަން އެޅެންވެގެން" ކުރާ ކަމެއް ކަމަށެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ): ގާނޫނުލް އުގޫބާތަށް އިސްލާ ހުށަހެޅުމުން ފާޑުވިދާޅުވި-- ފޮޓޯ/ މަޖިލިސް