18 Aug 2015, 12:01
ފޮރިން މިނިސްޓްރީ ކައިރިން ޖަރުމަނުގެ ފަތުރުވެރިއެއްގެ އަތްދަބަސް ފޭރުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް އިތުރުކޮށްފިއެވެ.
އެ މައްސަލާގައި ހައްޔަރުކުރި ދެ މީހުންނަށް ކުރިން ޖަހައިދިން 10 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވާތީ، އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިޔުމުން އިތުރު 15 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
ސަން އަށް އެނގިފައިވާގޮތުގައި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މ. ޝައިނިންގް ސްޓާ މޫސާ ރިޟްވާން، 31، އާއި މ. ދިންމަނަ އަބްދުﷲ ތިލްމީޒެވެ.
މޫސާ ރިޟުވާނަކީ ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟުވާން އަބްދުﷲގެ ބޭބެ އެވެ.
ފުލުހުން ބުނީ މޫސާ ރިޟުވާނާއި ތިލްމީޒު ފުރަތަމަ ހުއްޓުވައި ސުވާލުކޮށްފައިވަނީ ބަނގުރާ ގެންގުޅޭކަމަށް ތުހުމަތު ކުރެވިގެން މިއަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހުގެ މެންދުރު 12:35 އެހައިކަންހާއިރު ކަމަށެވެ. އެމީހުން ހުއްޓުވައި ސުވާލުކޮށް ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާކަމަށް ބެލެވޭ ބައެއް ތަކެތި ފެނުމާއެކު އެމީހުން ވަގުތުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، ފަހުން އެނގުނު ގޮތުގައި އެމީހުންގެ އަތުން ފެނުނު ތަކެއްޗަކީ މިއަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ފޮރިން މިނިސްޓްރީ ކައިރިން ދިޔަ ޖަރުމަން މީހެއްގެ އަތުން ފޭރިފައިވާ ދަބަހެއްގައި ހުރި ބައެއް ތަކެތި ކަމަށެވެ.
އެމީހުންނާ އިތުރަށް ސުވާލުކޮށް ހިންގި ތަހުގީގުން އެ ދަބަހުގައި ހުންނާނެކަމަށް ބުނާ ގިނަ އަދަދެއްގެ ފައިސާއާއި އިތުރު ތަކެތިވެސް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނަައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.