ޖިނާއީ ކުށްތަކުގެ އަދަބު ކަނޑައަޅާފައިވާ ގާނޫނުލް އުގޫބާތުގައި މާތްވެގެންވާ އިސްލާމް ދީނާ ހިލާފު އެއްވެސް ކަމެއް ހިމެނިގެން ނުވާނެ ކަމަށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްޑީއޭ ނައިބު ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު ވިދާޅުވެއްޖެ އެވެ.

ގާނޫނުލް އުގާބާތަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު (ޓޮމް) ހުށަހަޅުއްވާފައިވާ އިސްލާހުގެ ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން މައުރޫފު ވިދާޅުވީ މިއަދުގެ ސަރުކާރުން އަމާޒު ހިފާފައި ހުރީ އަދި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ބައްޓަންކޮށްފައި ވަނީ ރާއްޖޭގައި ތާ އަބަދަށް އިސްލާމްދީން ބޭއްވުމަށް ކަމަށެވެ.

"އިސްލާދީން ނޫން އެހެން ދީނަކަށް ޖާގައެއް ނުދޭނަން. އިސްލާމްދީން ބޭއްވުމަށްޓަކައި ވަރަށް މުހިއްމު ކަމެއް އިސްލާމީ ޝަރީއަތް ރާއްޖޭގެ ގާނޫނުލް އުގޫބާތުގައި ހިމެނުން. އެއާ ހިލާފު އެއްވެސް ކަމެއް ނުކުރުން،" މައުރޫފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުއްލި ކުއްލި އަށް އިސްލާހު ގެންނަން ޖެހެނީ ވެސް ގައުމު ތަރައްގީގެ މަގުން ކުރިއެރުމުގެ ބޭނުމުގައި ކަމަށެވެ. މައުރޫފު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ތަހުޒީބީ ގޮތުން ރާއްޖެ އުސް ހަރުފަތަކަށް ގެންގޮސްދިނުން ކަމަށެވެ.

"ނަމަވެސް ތަހުޒީބީ ބައެއް ގައުމުތައް އެބަހުރި މާ ބޮޑެތި ގާނޫނެއް ނެތް. މިސާލަކަށް އިނގިރޭސިވިލާތަކީ ދުވަހުން ދުވަހަށް ގާނޫނު ހަދާ މަޖިލީހެއް އޮންނަ ތަނެއް. ނަމަވެސް ރާއްޖެއިން މަސައްކަތް ކުރަމުން މި ދަނީ ގައުމުު ތަހުޒީބު ކުރުމަށްޓަކައި ގައުމު ތަރައްގީ ކުރުމަށްޓަކައި. އެއިރެއްގައި މުޖުތަމައު ތަރައްގީ ކުރުމަށްޓަކައި އެއިރެއްގައި ބޭނުންވާ އިސްލާހެއް ހުށަހެޅުން،" މައުރޫފު ވިދާޅުވި އެވެ.

ގާނޫނުލް އުގޫބާތަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭ ގޮތުން މައުރޫފު ވިދާޅުވީ މާތްވެގެންވާ އިސްލާމްދީނާއި ރަސޫލާގެ ސުންނަތާ ހިލާފަށް އެއްވެސް ގާނޫނެއް ބިނާކުރެވިގެން ނުދާނެ ކަމަށެވެ. އަދި އެކަމަށް ޝައްކު ނުކުރުމަށް މަޖިލީހުގެ މެމްބަރުންނަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ.

އޭނާ ވިދާޅުވީ ގައުމު ތަހުޒީބުވެ ގައުމު ތަރައްގީ ވެގެން ދިޔަސް ދިވެހިންނަކީ ރާއްޖެއަކީ ސައްތަ އިސްލާމީ ގައުމެއް ކަމަށެވެ. އެހެންކަމުން ދިވެހިންގެ ޝަރީއަތާއި ދިވެހިންގެ ސަގާފަތާއި އާދަކާދަ ހުންނަން ޖެހޭނީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ކަމަށް މައުރޫފު ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑުމެން ސަރުކާރުން ކޯލިޝަނުން ނިންމީ އިސްލާމީ އިލްމުވެރިންނަށް އެ ފުރުސަތު ދިނުމަށްޓަކައި. އަޅުގަނޑުމެން އިލްމުވެރިންގެ ގަދަރަށްޓަކައި އެބޭފުޅުންނަށް ކުރާ އިހުތިރާމަށްޓަކައި އަޅުގަނޑުމެން ގަބޫލުކުރަނީ ގާނޫނުލް އުގޫބާތުގައި އެބޭފުޅުންގެ ހިއްސާ އޮންނަންޖެހޭނެ ކަމަށް. އެގޮތުން ވަރަށް ފުންކޮށް އަޅުގަނޑުމެން މަޝްވަރާކޮށް ވަރަށް ފުންކޮށް އެބޭފުޅުންނާ ހިއްސާކޮށް މިއަދު ގާނޫނުލް އުގޫބާތަށް ހުށަހަޅާފައިވާ އިސްލާހަކީ އަޅުގަނޑު ދަންނަވާނީ ދިވެހި ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭނެ އިސްލާހެކޭ،" މައުރޫފުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.