ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުން ރުހުންދިން ހެންވޭރު މެރީކުއިން ޑރ. އަލީ ޝަމީމާއި ހުޅުމާލެ ފުލެޓު 01-ޖީ-62، ޒަކަރިއްޔާ ހުސައިން މިއަދު އެ ކޮމިޝަންގެ މެމްބަރު ކަމުގެ ހުވާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ކުރިމަތީގައި ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި އެ ދެ ބޭފުޅުންނަށް ހުވާ ލައްވައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.

ކުރިން ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ޑރ. ޝަމީމުގެ ނަން މަޖިލީހުން އއްޔެ ފާސްކުރީ 58 މެމްބަރުންގެ ވޯޓުން ނެވެ. އަދި ޒަކަރިއްޔާގެ ނަން ފާސްކުރީ 57 މެމްބަރުންގެ ވޯޓުން ނެވެ.

ޒަކަރިއްޔާ އަކީ ކުރިން ވެސް ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ.

ސީއެސްސީގެ މެމްބަރުކަމުގެ ހުވާ ކުރެއްވި ދެ ބޭފުޅުންނާ ރައީސް ބައްދަލުކޮށް ވާހަކަފުޅު ދައްކަވަނީ-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ދެ ބޭފުޅަކު އައްޔަން ކުރެއްވީ، ކުރިން އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ލަތީފް ގައުމީ ޔުނިވަސިޓީގެ ޗާންސެލާގެ މަގާމަށް ބަދަލު ކުރައްވާފައިވާތީ އާއި އެ ކޮމިޝަންގެ ނައިބު ރައީސް އަހްމަދު ހަސަން ދީދީ އަދި ކޮމިޝަންގެ މެމްބަރު ޚަދީޖާ އާދަމްގެ މެމްބަރު ކަމުގެ މުއްދަތު ހަމަވެފައިވާތީ އެވެ.

އެ ތިން ބޭޅުންގެ ނަމުގެ ބަދަލުގައި ތިން ބޭފުޅެއްގެ ނަން މަޖިލީހަށް ހުށަހެޅި އެވެ. ނަމަވެސް ސ. ހިތަދޫ، ރަށްދެބައިގެ ޑރ. އަބްދުﷲ ނަސީރަށް ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ނުލިބިފަ އެވެ.

ސީއެސްސީގެ މެމްބަރުކަމުގެ ހުވާ ޒަކަރިއްޔާ ހުސައިން ކުރައްވަނީ-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން