ގޫގަލް އެންޑްރޮއިޑްގެ ލޮލިޕޮޕް އަޕްޑޭޓަށްފަހު އެ އޮޕަރޭޓިން ސިސްޓަމްގެ ސީރީޒް އަޕްޑޭޓްގެ އެންމެ ފަހުގެ އަޕްޑޭޓް 6.0 އަށް "މާޝްމެލޯ" ކިޔުމަށް އެ ކުންފުނިން ނިންމައިފި އެވެ.

ފޮނި އެއްޗެހީގެ ނަމުން އެންޑްރޮއިޑްގެ އަޕްޑޭޓްތަކަށް ނަން ދެމުން އައި އިރު އެ އަޕްޑޭޓް "އެމް" ފުރަތަމަ ދައްކާފައި ވަނީ މިދިޔަ މެއި މަހުގަ އެވެ.

އައި/އޯ ޑިވެލޮޕާސް ކޮންފަރެންސްގައި ގޫގަލް އިން އެންޑްރޮއިޑްގެ އާ އަޕްޑޭޓްގެ ޕްރިވިއު "އެމް"ގެ ނަމުން ތައާރަފުކޮށް ދައްކާލުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ނަން ދިމާ ކުރުމަށް މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން އެއްބަޔަކު ދެކޭގޮތުގައި އެ އަޕްޑޭޓް އަށް މިލްކްޝޭކް އާއި މެކަރޫން އާއި މޫން ޕައި އަދި އެމްއެންޑްއެމް ފަދަ ނަމެއް ކިޔުމަކީ އެކަށީގެންވާ ކަމަށެވެ.

އެންޑްރޮއިޑްގެ އެންމެ ފަހުގެ އަޕްޑޭޓް "ލޮލިޕޮޕް" އަކީ އެ އޮޕަރޭޓިން ސިސްޓަމް އަށް މިހާތަނަށް ގެނައި އެންމެ ބޮޑު "ވިޝުއަލް އޯވަހޯލް" އެވެ.

އެ އަޕްޑޭޓް އާއެކު މުޅި އޮޕަރޭޓިން ސިސްޓަމް ވަނީ "ފްލެޓް" ކުރެވިފަ އެވެ. އެހެން ނަމަވެސް އެންޑްރޮއިޑް މާޝްމެލޯ އަޕްޑޭޓަކީ ސިސްޓަމްގެ އެތެރޭގެ ނުވަތަ "އަންޑާ ދަ ހުޑް" އަށް ބަދަލުތަށް ގެނައުމަށް ގެންނަ އަޕްޑޭޓް އެކެވެ.

އެ އަޕްޑޭޓުގައި ފިންގަޕްރިންޓް ސަަޕޯޓާއި އަޕްޑޭޓް ކޮށްފައިވާ ޕަވާ ސޭވިން މޯޑެއް ހިމެނެ އެވެ. ގޫގަލް އިން ވަނީ މާޝްމެލޯގެ އެންމެ ފަހުގެ ޕްރިވިއު ބިލްޑް އަޕްޑޭޓް ދާދި ފަހުން ނެރެފައެވެ.