ދެ ވަނަ ލެގް މެޗް 1-1 ގެ ނަތީޖާއަކުން އެއްވަރުވެ 5-1 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ ބާސެލޯނާ ހަމަ ބިމަށް ތިރި ކުރުމަށްފަހު އެތުލެޓިކް ބިލްބޯއޯއިން ސްޕެނިޝް ސްޕަކަޕް ކާމިޔާބު ކޮށްފިއެވެ.

ބާސެލޯނާގެ އަމިއްލަ ދަނޑު ކޭމްޕްނޯ ސްޓޭޑިއަމްގައި ކުޅުނު ދެ ވަނަ ލެގް މެޗްގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ބާސާއިންނެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު މެޗްގެ 43 ވަނަ މިނެޓްގައި އެޓީމްގެ ލަނޑު ކާމިޔާބު ކުރީ ލުއިސް ސުއަރޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ލިއޮނަލް މެސީއެވެ.

މިލަނޑުގެ އިތުރުން ލަނޑު ޖަހާނެ ތަނަވަސް ފުރުސަތުތަކެއް މެސީއާ ސުއަރޭޒަށް ލިބިގެން ދިޔައެވެ.

ވޭތުވެދިޔަ ދެ މެޗްގައި ބައި ކޮޅަށް އަށް ލަނޑު ވަދެފައިވުމާއެކު ބަސާއިން ނިކުތީ އެދެމެޗްގައި ބާސާގެ ގޯލް ބެލެހެއްޓި ޖަރުމަންގެ އެންޑްރޭ ޓާސްޓެގަންގެ ބަދަލުގައި އެޓީމްގެ އެއް ނަންބަރު ކީޕަރު ކޮޕާ އެމެރިކާ ޗިލީއަށް ކަމިޔާބުކޮށްދިން ކްލައުޑިއޯ ބްރާވޯ ހިމަނައިގެނެވެ.

ނަމަވެސް ފުރަތަމަ ލެގް މެޗްގައި ބާސާގެ ގޯލަށް ތިން ލަނޑު ޖެހި ބިލްބޯއޯގެ ތަޖުރިބާކަރު ކުޅުންތެރިޔާ އަރީޓްޒް އަޑްރީޒް ވަނީ 74 ވަނަ މިނެޓްގައި ބާސާގެ ގޯލް ހުޅުވައިލައިފައެވެ.

އަޑްރީޒް ލަނޑު ކާމިޔާބު ކުރީ ބާސާގެ ޕެނަލްޓީ އޭރިއާ ބޭރުގައި ހުސްކޮށްހުއްޓައި ލިބުނު ބޯޅަ ބާސަގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލުމުން ކީޕަރު ބްރޯވޯ ދިފާއު ކުރުމުން ރީބައުންސަށް ނިކުތް ބޯޅަ ބާސާގެ ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.

މެޗްގެ 86 ވަނަ މިނެޓްގައި ބިލްބޯއޯގެ އެންރީކޭ ސޯލާ ކްލެމެންޓޭއަށްވެސް ވަނީ ރަތް ކާޑް ދައްކައި ދަނަޑުން ފޮނުވާލާފައެވެ.

އޭނާއަށް ރަތް ކާޑް ދެއްކީ ބާސާގެ ހާފުތެރެއިން ބިލްބޯއިން ތަނަވަސްކޮށްދިން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ބާސާގެ ޑިފެންޑާ ހާވިއޭ މެޝަރާނޯގެ ގައި މައްޗަށް ފަޔަށް އެރުމުންނެވެ.

ރޭގެ މެޗްގައިވެސް ބާސެލޯނާގެ ޑިފެންސްގައިވެސް ގިނަ މައްސަލަތަކެއް ފަހަގަ ކުރެވިފައި ވަނިކޮށް ޑިފެންސްގައި އިތުރު މައްސަލަތަކެއް ފެންމަތިވީ ޑިފެންޑަރު ޖެރާޑް ޕީކޭ އަށް ދެ ވަނަ ހާފުގެ ކުރީ ކޮޅުގައި ރަތް ކާލަޑް ދެއްކުމުންނެވެ.

މެޗްގެ 51 ވަނަ މިނެޓްގައި ޕީކޭއަށް ރަތް ކަޑް ދެއްކީ މެޗްގެ ރޮނގު ބަލަހަށްޓަން ހުރި ލައިސްމަނަށް ނިސްބަތްކޮށް ބުނި އެއްޗަކުންނެވެ.

އަޑްރީޒް ޖެހި ލަނޑަކީވެސް ބާސާގެ ޑިފެންސުން އޭނާ މާކް ނުކޮށް ހުރުމުން ކާމިިޔާބު ކުރި ލަނޑެކެވެ. ކީޕަރު ބްރޯވޯ ދިފާއު ކުރި ބޯޅަ ހޯދުމަށް އެވަގުތު ޕެނަލްޓީ އޭރިއާ ތެރޭގައި ހުރި ޑިފެންޑަރު ޖާމި މެތިއުއަށްވެސް ކުރެވުނު މާބޮޑު ކަމެއް ނެތެވެ.

ސްޕެނީޝް ސްޕަކަޕް 11 ފަހަރު ކާމިޔާބު ކޮށް ސްޕަކަޕްގެ އެންމެ ކަމިޔަބު ޓީމް ބާސެލޯނާއަށް މިއަހަރުގެ ސްޕަކަޕް ގެއްލުމުން 2009 ވަނަ އަހަރު އެޓީމުން ހެދި ހަ ޓްރޮފީ ކަމިޔަބު ކުރުމުގެ ރެކޯޑަށް ވަނީ ހުރަސް އެޅިފައެވެ.

މިއި ބިލްބޯއޯއިން ސްޕަކަޕް ކަމިޔާބު ކުރި ދެ ވަނަ ފަހަރެވެ. މީގެ ކުރިން އެޓީމުން ސްޕަކަޕް ކަމިޔާބު ކުރީ މީގެ 31 އަހަރު ކުރިން 1984 ވަނަ އަހަރުއެވެ.