18 Aug 2015, 10:08
ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ކުރިފުޅުމަތީގައި ސްރީލަންކާގެ ބޮޑުވަޒީރު ކަމުގެ ހުވާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ( ޔޫއެންޕީ)ގެ ލީޑަރު ރަނިލް ވިކްރަމަ ސިންހާ މިއަދު ކުރައްވާނެ ކަމަށް އެ ޕާޓީ އިން ބުނެފި އެވެ.
ޔޫއެންޕީގެ މެމްބަރު ޖޯން އަމަރަތުންގާ ކޮލަމްބޯ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިއްޔެ ބޭއްވި އިންތިހާބުގެ ދާއިމީ ނަތީޖާ އަދި ނުލިބޭ ކަމަށާއި ނަމަވެސް ބޮޑުވަޒީރުގެ މަގާމަށް ރަނިލް އައުމަށް ބޭނުންވާ ވަރަށް މަޖިލީހުގެ ގޮނޑި އެ ޕާޓީ އަށް ލިބިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ މަނިކުފާނު އުފައްދަވާނީ ނޭޝަނަލް ޔުނިޓީ ސަރުކާރެއް ކަމަށެވެ.
އަމަރަތުންގާ ވިދާޅުވީ 225 މެމްބަރުންގެ މަޖިލީހުން ޔޫއެންޕީ 105 ގޮނޑި ލިބޭނެ ކަމަށް ލަފާކުރާ ކަމަށާއި އަދި އެލަޔަންސާ އެކު އެ އަދަދު 115 އަށް އަރާނެ ކަމަށެވެ.
ރާޖަޕަކްސާގެ ދަ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް އިން ވަނީ އިންތިހާބުން ބަލިވިކަން ގަބޫލުކޮށްފަ އެވެ.