މާލޭގެ މިސްކިތްތައް ސިޓީ ކައުންސިލްއިން ބެލެހެއްޓިއިރު ފެން ބިލަށް 7.5 މިލިއަން ރުފިޔާ ނުދައްކާ އެބައޮތް ކަމަށް އިސްލާމިކް މިނިސްޓުރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝެއިހް އިބްރާހިމް އަހުމަދު ސަން އަށް މިއަދު ވިދާޅުވީ، ސިޓީ ކައުންސިލުން މާލޭގެ ހުރިހާ މިސްކިތްތަކެއްގެ ފެންބިލު ނުދައްކާ ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައިވުމުން އެ ބިލްތަކަށް 7.5 މިލިއަން ރުފިޔާ އަރާފައިވާ ކަމަށެވެ.

"މިސްކިތްތަކުގެ ފެންބިލް އައިއިރު ވޭތުވެދިޔަ ހުރިހާ ދުވަހު ނުދައްކާ ހުރީ 7.5 މިލިއަން ރުފިޔާގެ ބިލެއް އެބައޮތް ނުދައްކާ،" ޝެއިހް އިބްރާހިމް ވިދާޅުވި އެވެ.

މިސްކިތްތައް އިސްލާމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރިއިރު އެ ވާހަކަ ސިޓީ ކައުންސިލުން ނުބުނާ ކަމަށާއި އެ ފައިސާ ނުދައްކާކަން އެ މިނިސްޓުރީއަށް އެނގުނީ ފެން ކުންފުނި އެމްޑަބްލިޔްއެސްސީން އެކަން ހުށައެޅުމުން ކަމަށް ވެސް ޝެއިހް އިބްރާހިިމް ވިދާޅުވިއެވެ.

މާލޭގެ މިސްކިތެއްގެ އިސްކުރުތަކެއްގައި މައްސަލަޖެހި ހުއްޓުމެއް ނެތި ފެން ފައިބަނީ: މިސްކިތްތަކުގެ ފެންބިލަށް ވަނީ 7.5 މިލިއަން ރުފިޔާ ނުދައްކާ-- ސަން ފައިލް ފޮޓޯ

އެކަމާ ގުޅޭ ގޮތުން މާލޭގެ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު ޝިހާބް ވިދާޅުވީ މިސްކިތްތަކުގެ ބިލް ނުދައްކާ ކަމަށް އެއްޗެއް ބުނަން އެނގޭނީ ބަލާލާފައި ކަމަށާއި ފައިސާ ނުދައްކާނަމަ ނުދައްކާ އޮންނާނީ ސަރުކާރުން ފައިސާ ނުދޭތީ ކަމަށެވެ.

"އަޅުގަނޑުމެންނަށް ސަރުކާރުން ފައިސާ ދެއްވީމަ ދައްކައިދޭނެ. ސަރުކާރުން ފައިސާ ނުދައްކާތީ ނުދެއްކި އޮންނާނީ. އަމިއްލައަށް އެއްވެސް ފައިސާއެއް ލިބޭ ބައެއްވެސް ނޫން އަޅުގަނޑުމެންނަށް ލިބޭ ފައިސާ ސަރުކާރަށް ދައްކަމުން މިދަނީ،" ޝިހާބް ވިދާޅުވިއެވެ.

މާލޭގެ މިސްކިތްތައް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން އިސްލާމިކް މިނިސްޓުރީގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައި ވަނީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. އެއާއެކު އިސްލާމިކް މިނިސްޓުރީން ވަނީ މިސްކިތްތައް މަރާމާތު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށަން ނިންމާފަ އެވެ.

ޑެޕިއުޓީ މިނިސްޓަރު ޝެއިހް އިބްރާހިމް ވިދާޅުވީ އެ ބިލްތައް ނުދައްކާ އޮތުމުގެ ސަބަބުން މިސްކިތްތައް މަރާމާތުގެ މަސައްކަތް މަޑުޖެހި މިހާރު މަޝްވަރާ ކުރެވިގެން ދަނީ އެ ބިލަށް ފައިސާ ދައްކަން ހަދާނެ ގޮތަކާއިމެދު ކަމަށެވެ.