ޣައްޒާ (އޮގަސްޓް 18) : ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުން އިސްރާއީލުގެ އިސްތިޢްމާރާ ދެކޮޅަށް ކުރަމުންގެންދާ ހަތިޔާރުގެ ޖިހާދު ދިގުމުއްދަތަކަށް ހުއްޓާލުމުގެ އެއްބަސްވުމެއް އިސްރާއީލާ އެކު ގާއިމްކުރުމަށް ޓަކައި ތުރުކީން މެދުވެރިއެއްގެ ދައުރު އަދާކުރަމުން ގެންދާކަމަށް ޚަބަރު ލިބިއްޖެ އެވެ.
ތުރުކީގެ މަސްއޫލުވެރިއަކު ވިދާޅުވީ މިފަދަ އެއްބަސްވުމެއްގެ ބޭނުމަކީ އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް ނައްތާލައި އިސްރާއީލުން ތަޅައި ސުންނާފަތިކޮށްލާފައިވާ ޣައްޒާގެ އާންމު ރައްޔިތުންގެ ގެދޮރާއި އިންފްރާސްޓްރަކްޗާ އަލުން ބިނާކުރުމަށް މަގުފަހިކުރުމެވެ. މީގެ އިތުރުން ޣައްޒާގެ ރައްޔިތުންނަށް އެސަރަހައްދުން ނުނުކުކުމެވޭގޮތަށް ޣައްޒާގެ ސަރަހައްދީ ރޮނގުތައް ބަންދުކޮށްފައި އޮންނަ އޮތުން ނިމުމަކަށް ގެނަސް ބަލިމީހުންނާއި ވިޔަފާރިވެރިންނާ އަދި އެނޫންމީހުންނަށް ވެސް ވަދެނުކުމެވޭނެ ގޮތް ފަސޭހަ ކުރުމަކީ ވެސް ދިގުމުއްދަތަކަށް ހަމަލަތައް ހުއްޓާލުމުގެ އެއްބަސްވުމެއް އިސްރާއީލާއެކު ގާއިމްކުރުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމަށް ތުރުކީގެ މަސްއޫލުވެރިޔާ ވިދާޅުވި އެވެ.
ފަލަސްތީނުގެ ސަރުކާރު ވަނީ ސަރުކާރު އެއްފަރާތްކުރުމަށް ފަހު ތުރުކީން ޙަމާސްއާ މުއާމަލާތް ކުރަމުންގެންދާ މައްސަލާގައި ހިތްހަމަނުޖެހިފަ އެވެ. އިސްރާއީލާ އެކު ގާއިމްކުރާ މިއެއްބަސްވުމުގައި ޙަމާސްޖަމާއަތުގެ އިތުރުން އިސްރާއީލާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދެއް ކުރަމުންގެންދާ އިސްލާމިކް ޖިހާދު ޖަމާއަތްވެސް ހިމެނެ އެވެ. އިސްރާއީލުގެ ޙިސާރުގެ ފިޔަވަޅުތައް 9 އަހަރަށް ދިގުދެމިގެން ގޮސްފައިވާ އިރު ޣައްޒާގެ ރައްޔިތުންވަނީ ދުނިޔެއާ މުޅިން އެކަހެރިވެ ޙާލުގައިޖެހިފަ އެވެ. އަދި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކޮށްފައިވާ ހަނގުރާމަތަކުގައި ތަޅައި ސުންނާފަތިކޮށްލާފައިވާ ޣައްޒާގެ އާންމު ރައްޔިތުންގެ ގެދޮރާއި އިންފްރާސްޓްރަކްޗަރ އަލުން ބިނާކޮށް އާރާސްތު ކުރުމުގެ މަސައްކަތް ވެސް ހިސާރުގެ ސަބަބުން ކުރިޔަށްގެންދެވޭނެ ގޮތެއްނެތުމުން ޣައްޒާގެ ރައްޔިތުންގެ ގިނަބަޔަކު ވަނީ ބޯހިޔާވަހިކަމާއި އިޖްތިމާއީ ޚިދްމަތްތަކާއި ދަތުރުފަތުރުން މަޙްރޫމް ވެފަ އެވެ.
އިސްރާއީލާ އެކު ހަމަލާތައް ބަދަލުކުރުން ހުއްޓާލުމުގެ ދިގުމުއްދަތުގެ އެއްބަސްވުމެއް ގާއިމް ކުރިނަމަވެސް އިސްރާއީލަކީ ދައުލަތެއްކަމަށް އިޢްތިރާފް ނުވާނެ ކަމަށް ޙަމާސުން ބުނެ އެވެ. އަދި ފަލަސްތީނުގެ ދައުލަތެއް ހަމައެކަނި ޣައްޒާގައި އުފެއްދުމަށް އިސްރާއީލު ގެންގުޅޭ ވިސްނުން ތަންފީޒު ކުރިޔަ ނުދޭނެކަމަށް ވެސް ޙަމާސުން ބުނެ އެވެ. ހަމާސްގެ ސިޔާސީ ވެރިޔާގެ ނައިބު އަދި ފަލަސްތީނުގެ ކުރީގެ ބޮޑުވަޒީރު އިސްމާއީލް ހަނިއްޔާ ވިދާޅުވާ ގޮތުގައި ޣައްޒާއަކީ ފަލަސްތީނުގެ މުޅި ބިމުގެ އެންމެ ދޭއް އިން ސައްތަ އެވެ. މިހާ ކުޑަ އަދި މީހުން ތޮއްޖެހިފައިވާ ބިންކޮޅެއްގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ ފުރްސަތު ދޭން އިސްރާއީލު ބޭނުންވަނީ ފަލަސްތީނުގެ ދައުލަތަކީ ދިގުމުއްދަތަކަށް ދެމިއޮތުމުގެ ގާބިލްކަން ލިބިފައިނުވާ އަދި އެދައުލަތުގައި ފަލަސްތީނުގެ ރައްޔިތުންގެ އެންމެ 15 އިންސައްތަ މީހުންނަށްވެސް ދިރިއުޅުމުގެ ފުރްސަތު ނޯންނާނެތީ ކަމަށް ހަނިއްޔާ ވިދާޅުވިއެވެ.
އިސްރާއީލުން ވެރިވެގަނެ އަދި އިސްތިޢްމާރު ކޮށްފައިވާ ކަމަށް މިހާރު އދ. ންވެސް އަދި ހުޅަނގުގެ ގައުމުތަކުންވެސް ގަބޫލުކުރާ ދެ ސަރަހައްދަކީ ހުޅަނގު އައްސޭރިއާއި ޣައްޒާއެވެ. ހުޅަނގު އައްސޭރިއަކީ ފަލަސްތީނުގެ މުޅި ބިމުގެ 21 އިން ސައްތައެވެ. ޣައްޒާއަކީ ފަލަސްތީނުގެ މުޅި ބިމުގެ 2 އިން ސައްތައެވެ. މިދެބިމުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް އދ. އާއި ބައިނަލްއަގްވާމީ މުޖްތަމައުން އިސްރާއީލަށް ގޮވާލަމުން ދިޔަނަމަވެސް މިކަމަށް އިސްރާއީލުން އެއްވެސް ވަރަކަށް އިޖާބައެއް ނުދެއެވެ. މީގެބަދަލުގައި އިސްރާއީލުން ގެންދަނީ ހުޅަނގު އައްސޭރީގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވަމުންނެވެ. ޔަހޫދީން ވަޒަންވެރި ކުރުވުމުގެ ބޭނުމަކީ އެބިންތަކަށް ދާއިމީކޮށް ވެރިވެގަނެ ދިގުމުއްދަތަކަށް ދެމިއޮތުމުގެ ގާބިލްކަން ލިބިފައިވާ ދައުލަތެއް އުފެއްދުމުގެ ފުރްސަތު ފަލަސްތީނަށް ނުދިނުމެވެ. އިސްރާއީލުގެ މިއަނިޔާވެރި އަމަލުތަކާ ދެކޮޅަށް އެގައުމާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަދި ފިއްތުމެއް ކުރިމަތިކުރުމުގައި އދ. އާއި މުޅި ބައިނަލްއަގްވާމީ މުޖްތަމައުވަނީ ފޭލްވެފަ އެވެ.
ޣައްޒާ އަލުން ބިނާކޮށް އާރާސްތު ކުރުމަށް ބޭނުންވާ ޚަރަދު ކުރަން ގަތަރު އޮތީ ތައްޔާރަށްކަމަށް ޚަބަރުތައް ބުނެއެވެ. (ނޫސްއެޖެންސީތައް)