13 Mar 2011, 18:29
ސީޔާސީ ކަންކަމުގައި ބައިވެރިވެ ވަޑައިގަންނަވާނަމަ ކުރީގެ ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ނުލިބޭ ގޮތަށް ޤާނޫނު އިސްލާހު ކުރަން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާ މަޖިލީހަށް ބިލެއް ހުށަހެޅުއްވީ، ޑީއާރްޕީގެ ލީޑާ އަހްމަދު ތަސްމީން އަލީ އެކަމަށް ބާރުއެޅުއްވުމުން ކަމަށް ދޭހަވާ ގޮތަށް މުސްތޮފާ ވާހަކަދައްކާފައިވާ ކަމަށް ބެލެވޭ އޯޑިއޯ ކްލިޕެއް ލީކުވެއްޖެ އެވެ.
ސަން އަށް ލިބިފައިވާ އެ އޯޑިއޯ ކްލިޕްގައި އިވެނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމާއި މުސްތޮފާ، ފޯންކޯލެއްގައި ދައްކާފައިވާ ކަމަށް ބެލެވޭ ވާހަކަތަކެކެވެ.
އެގޮތުން އެ އޯޑިއޯ ކްލިޕްގައި ކުރީގެ ރައީސުންގެ އިނާޔަތުގެ ބިލު އިސްލާހުކުރުމަށް މުސްތޮފާ ހުށަހަޅުއްވައިފައިވާ އިސްލާހު މާދަމާ ނޫނީ އޭގެ އަނެއް ދުވަހު މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކުރާނެ ކަމަށް ނާޒިމް ވިދާޅުވެފައި ވެއެވެ. އަދި އިސްލާހު ހުށަހެޅުއްވީ ކީއްވެގެންތޯ މުސްތޮފާއާ ނާޒިމް ސުވާލުކުރައްވައިފައި ވެއެވެ.
ޖަވާބުގައި މުސްތޮފާ ވިދާޅުވަނީ، އެ ބިލު ހުށަހެޅުއްވީ ކުރީގެ ރައީސް މައުމޫން ސިޔާސީ ކަންކަމުގައި އުޅުއްވާތީ، އެ އިނާޔަތްތައް އެމެނިކުފާނަށް ހައްގު ނޫން ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށާއި އަދި އެކަމަށް އިތުރު އެހެން "ބަޔަކު" ވެސް ބާރުއެޅުއްވުމުން ކަމަށެވެ.
އަދި އެ ބިލު ފަހުން ނެގުމުގެ ޚިޔާލެއް ގެންގުޅުއްވި ނަމަވެސް، އެ އަނބުރާ ނުގެންދެވީ އެ އިސްލާހު ފާސްކުރުމަށް ބާރުއެޅުއްވި "ފަރާތަކުން" އެ އިސްލާހު "ނަގާނެ ކަމެއް ނެތޭ" ވިދާޅުވުމުން ކަމަށެވެ. އަދި އެހެން ވިދާޅުވި ފަރާތަކީ "ވަރަށް ބޮޑެތި އެހީތަކާ އެއްބާރުލުން" އޭނާއަށް ދީފައިވާ ފަރާތެއް ކަމަށް ވެސް މުސްތޮފާ ވިދާޅުވެފައި ވެއެވެ.
ނަމަވެސް، ތަފާތު ޕްރެޝާތައް ޑީއާރްޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުންގެ ފަރާތުން ކުރިމަތިވެ ވަޑައިގެންނެވުމުގެ ސަބަބުން އެ އިސްލާހު އަނބުރާ ގެންދަވަން ޚިޔާލުކުރައްވައިގެން "އެދިމާލުގައި" އެ ވާހަކަ ދެންނެވި ކަމަށް މުސްތޮފާ ވިދާޅުވުމުން، އެއީ ކޮން ފަރާތެއްތޯ ނާޒިމް ސުވާލުކުރައްވާ އަޑުއިވެ އެވެ. "ކައެތިކިއާ އެދިމާލަކީ.. އެދިމާލޭ ކިޔަކަސް ނޭގޭނެ އެއްނު،"
އެހެން ނާޒިމް ވިދާޅުވުމުން މުސްތޮފާ ވިދާޅުވާ އަޑުއިވެ އެވެ؛ "ދެން އެބަ އިނގޭދޯ ތަސްމީނުކަން. ދެން ހަމަ އެ އެނގޭނެ އެންމެންނަށް ވެސް އެނގޭނެ ދޯ. ދެން އޭނާއަކީ، ދެން އެމީހުންނަކީ، ވަރަށް ބޮޑަށް ކުރީގައި ވެސް އަޅުގަނޑަށް މިކަމަށް އެހީވެފައި ހުރި މީހެއްވީމަ،"
މުސްތޮފާ އިތުރަށް ވިދާޅުވަނީ، ކުރީގެ އާއްމު އިންތިހާބުގައި ޣައްސާން މައުމޫނުގެ ކެމްޕޭނުގައި ތިމަރަފުއްޓަށް ތަސްމީން ވަޑައިނުގެންނެވީވެސް، މުސްތޮފާއަށް އެހީތެރިވެވަޑައިގަތުމަށް ކަމަށެވެ. އަދި އެކަން ދާދިފަހުން ޒައީމް މައުމޫން ތަސްމީނަށް ފޮނުއްވި ސިޓީފުޅުން އެނގިގެންގޮސްފައިވާ ކަމަށް ވެސް މުސްތޮފާ ވިދާޅުވެފައި ވެއެވެ.
އަދި އެ ކެމްޕޭނުގައި މުސްތޮފާއާ ދެކޮޅަށް ތަސްމީން އެއްވެސް ކެމްޕޭނެއް ނުވަތަ ޖަދަލެއް ނުކުރުމަށް ދެބޭފުޅުންގެ މެދުގައި "ހަމަޖެހިފައި" އޮތް ކަމަށް ވެސް މުސްތޮފާ ފާހަގަކުރައްވައިފައި ވެއެވެ. އަަދި އެ އެހީތެރިކަން ތަސްމީނު ދެއްވައިފަ އޮތުމުން، އެކަމަށް އޭނާއަށް ފާޅުގައި އިދިކޮޅު ހައްދަވަން ކެރިވަޑައިނުގަންނަވާނެތީ ތިމަރަފުއްޓަށް ވަޑައިނުގެންނެވީ ކަމަށް ވެސް، ޣައްސާންއާ ވާދަކުރައްވާ އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި މުސްތޮފާ ވިދާޅުވެފައި ވެއެވެ.
އެކެމްޕޭނުގައި ޑީއާރްޕީގެ ކެންޑިޑޭޓަށް ތާއީދުނުކުރައްވައި ތަސްމީން އެމްޑީޕީ ކެންޑިޑޭޓެއް ތާއީދުކުރައްވަންވީ ކީއްވެގެންތޯ ސުވާލުކުރެއްވުމުން މުސްތޮފާ ހިނިފުޅުވަޑުވައިފަ ވިދާޅުވެ ވެއެވެ؛ "ތީއެމީހުންގެ ތެރޭ އޮންނަ ވަރަށް ބޮޑު އޮޅުމެއްއެއީ ދެއްތޯ. ދެން ވިސްނާލަންވީމަ ކުޑަކުއްޖަކަށްވެސް އެނގެންޖެހޭނެ ކަންނޭގޭ އެއްވެސް ހާލެއްގައި ތަސްމީނު އަދި ތަސްމީނުގެ އާއިލާވެސް އޭގެ ތެރެއިން އެއްވެސް ބޭފުޅަކުވެސް ބޭނުންނުވާނެކަންނޭގޭ ޣައްސާން މީގެ ތެރެއަށް ވަންނާކަށެއް."
މުސްތޮފާ ވިދާޅުވެފައިވާ ގޮތުގައި، ކުރީގެ ރައީސް މައުމޫނަށް ލިބިވަޑައިގަންނަވާ އިނާޔަތްތައް ކަނޑާލުމަށް ހުށަހަޅައިފައިވާ އިސްލާހު އަނބުރާ ގެންދެވުމަށް އެމްޑީޕީ ތެރެއިންނާއި ޑީއާރްޕީގެ ފަރާތުންވެސް ތަފާތު ހުށަހެޅުންތައް އައިސްފައިވާ ނަމަވެސް، ތަސްމީނުގެ ރުހުން ލިބިގެންނޫނީ އެކަން ކުރެއްވޭކަށެއް ނެތެވެ.
"އަޅުގަނޑަށް ވަރަށް އުނދަގޫ ތަސްމީނުމެންނާ އިދިކޮޅަށް އޭތި ނަގަން. އެއީ މާދަމާވެސް ކަމެއް ދިމާވެއްޖެއްޔާ ހަމަ އެމީހުންނަކީ އެހީތެރިވާން ތިބި މީހުންނަކީވެސް. އެހެންވީމަ އެކަމެއް ނެތް ކުރެވޭކަށެއް. އެހެންނޫނަމަ، އެކަމަށް ވާންއޮތްގޮތެއް ހަމަ ހަދައިފީމުސް." މުސްތޮފާ ވިދާޅުވެފައި ވެއެވެ.
މި އޯޑިއޯ ކްލިޕާ ގުޅޭ ގޮތުން ތަސްމީން މިރޭ ވިދާޅުވީ، މުސްތޮފާ ދައްކަވައިފަ ވަނީ ހުސް ދޮގު ވާހަކަތަކެއް ކަމަށާއި މުސްތޮފާއާއެއްކޮށެއް އެއްވެސް އިރެއްގައި ޑީލެއް ހައްދަވައިފަ ނޯންނާނެ ކަމަށެވެ. އަދި ކުރީގެ ރައީސުންގެ އިނާޔަތުގެ ޤާނޫނަށް މުސްތޮފާ ހުށަހަޅުއްވާ އިސްލާހަށް ތާއީދުނުކުރައްވާނެ ކަމަށާއި އެ އިސްލާހު ފާސްކުރުމަށް އެއްވެސް ފަރާތަކަށް ބާރުއަޅުއްވައިފަ ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި މި އޯޑިއޯ ކްލިޕާ ގުޅޭ ގޮތުން މުސްތޮފާއަށް މިރޭ ގުޅާލުމުން ވިދާޅުވީ، އެ އޯޑިއޯގައި ތަސްމީނާ ގުޅޭ ގޮތުން އޭނާ ވިދާޅުވާ ކަމަށް ބެލެވޭ ވާހަކަތަކާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުންވެ ވަޑައިނުގަންނަވާ ކަމަށެވެ.
ނަމަވެސް، ކުރީގެ ރައީސުންގެ އިނާޔާތާ ބެހޭ ބިލާ ގުޅޭ ގޮތުން ނާޒިމް އެއްސެވި ކަމަށާއި އެކަމާ ބެހޭ ގޮތުން ނާޒިމާއެކު ފޯނުން ވާހަކަދައްކަވައިފައިވާކަމަށް މުސްތޮފާ ވިދާޅުވި އެވެ.
"ނާޒިމު އެހި ތިބިލާ ގުޅޭ ގޮތުން، ތަންކޮޅެއް ކުރީގައި ވާހަކަތަކެއް ދެއްކިން،" މުސްތޮފާ ވިދާޅުވި އެވެ.
ނަމަވެސް، މި އޯޑިއޯ ކްލިޕަކީ އެއިން ފޯން ކޯލެއްގެ ރެކޯޑިންކަމެއް މުސްތޮފާ ކަށަވަރުކޮށެއް ނުދެއްވަ އެވެ. އަދި ނާޒިމް ފޯނު ނުނަންގަވާތީ އެކަމާ ގުޅޭ ގޮތުން ނާޒިމްގެ ބަހެއް ވެސް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.