މާފުށީ ޖަލުގައި ތިބޭ ގައިދީންނަށް އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް)ގެ ފަރާތުން ގާރީ ލެވެލްގެ ދެ ކޯސް މިއަދު ފަށައިފިއެވެ.

އިންސްޓިޓިއުޓް އޮފް ޤުރުއާން އެންޑް ސުންނަ އާާއި ގުޅިގެން އައިކޯސްޓްގެ ފަރާތުން މާފުށީ ޖަލުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ދެކޯހުގެ ތެރެއިން، ދެމަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “ޤާރީ ކޯސް ލެވެލް 1″ ގައި 28 ގައިދީން ބައިވެރިވެފައި ވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ.

އަދި “ޤާރީ ކޯސް ލެވެލް 2″ ގައި ބައިވެރި 16 ގައިދީން ބައިވެރިވެފައި ވާއިރު، އެ ކޯހަކީ ހަތަރު މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯހެއް ކަމަށްވެސް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ.

އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް އިން މައުލޫމާތު ދިންގޮތުގައި މި ކޯސްތަކަކީ ޖަލުގައި ތިބި ގައިދީންގެ ތެރެއިން، ޤުރުއާން ކިޔަވައިދޭން ދަސްކޮށް ދިނުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ހިންގާ ކޯސްތަކެކެވެ.

ގައިދީން އަނބުރާ ރަނގަޅު ބައެއްގެ ގޮތުގައި މުޖުތަމަޢުއަށް ނެރުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ކުރަމުންގެންދާ މަސައްކަތްތަކަށް އިންސްޓިޓިއުޓް އޮފް ޤުރުއާން އެންޑް ސުންނާގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމެއް ލިބެމުން ކަރެކްޝަނަލް ސާވިސްއިން ފާހަގަކޮށްފައި ވެއެވެ. އަދި ޖަލުގައި ތިބި ަގައިދީންނަށް ޤުރުއާން ކޯހެއް ހިންގުމަށްޓަކައި ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ހުސައިން މަނިކުވެސް ފައިސާގެ އެހީއެއް ދެއްވާފައިވާ ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުންޏެވެ.