17 Aug 2015, 22:40
ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކަށް ކުރިއަށް އޮތް 24 ގަޑިއިރު ބޯކޮށް ވާރޭވެހި ވަރަށް ބޮޑަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސާވިސް އިން ބުނެފި އެވެ.
މެޓް އޮފީހުގެ އޮފިޝަލަކު މިރޭ ސަން އަށް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ޚާއްސަކޮށް އުތުރުރާއި މެދުތެރޭގެ އަތޮޅުތަކަށް މިރޭ ދަންވަރު ބޯކޮށް ވާރޭ ވެހި ވައިގަދަވެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
މޫސުން ގޯސްވަމުންދާތީ މޫސުމަށް ސަމާލުވުމަށް ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ކަމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.
އެގޮތުން ގިނަ އަދަދެއްގެ މީހުން ގޮވައިގެން ކަނޑުމަގުން ކުރާ ދަތުރުތަކާއި، އެއްރަށުން އަނެއް ރަށަށް ފެރީތަކުގައި ކުރާ ދަތުރުތަކުގައިވެސް ދަތުރުކުރާ މީހުންގެ ރައްކާތެރިކަމަށާއި މުވާސަލާތީ ކަންކަމަށް އިސްކަން ދިނުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
ކަނޑު ދަތުރު ކުރާއިރު މޫސުމާ ބެހޭ އިދާރާއިން އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި މޫސުން ގޯސްވަމުންދާތީ ދަތުރުތައް ރޭވުމުގެ ކުރިން ކަމާބެހޭ އިދާރާތަކުގެ ލަފާ ހޯދުމަށް ވެސް ފުލުހުންނާއި ސިފައިން އަންނަނީ އިލްތިމާސް ކުރަމުންނެވެ.