ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ބައިނަލްއަޤްވާމީ ޤާނޫނީ ވަކީލުންގެ ޓީމް ރައީސް ނަޝީދާއި ބައްދަލުކުރެއްވުމަށް އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ނަޝީދުގެ އޮފީހުން ބުނެފި އެވެ.

ރައީސް ނަޝީދުގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނޭ ބެން އެމަރސަން (ކިއު.ސީ)، އަމާލް ކްލޫނީ އަދި ޖެރެޑް ގެންސަރ ރާއްޖެއަށް ވަޑައިގަތުމަށް ބިޒްނަސް ވިސާ ހަމަޖެހިފައިވާ ކަމުގައި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ރައީސް ނަޝީދުގެ އޮފީހަށް މިއަދު އަންގާފައިވާ ކަމަށެވެ.

"އ.ދ.ގެ ވަރކިން ގްރޫޕް އޮން އަރބިޓްރަރީ ޑިޓެންޝަން އަށް ރައީސް މުޙައްމަދު ނަޝީދުގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ މައްސަލައިގައި ވަރކިން ގްރޫޕްއިން އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ގޮތުގައި ބައްލަވައިގެންފައިވާ ބޭފުޅުންނަށް ރާއްޖެ ވަޑައިގެން ރައީސް މުޙައްމަދު ނަޝީދާ ބައްދަލުކުރެއްވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ވަކީލުންނަށް ބިޒްނަސް ވިޒާ ދޫކުރެއްވުމަށް އެޓާރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކޮންޓްރޯލަރ އޮފް އިމިގްރޭޝަނަށް ދަންނަވާފައިވާ ކަމުގައި އެޓާރނީ ޖެނެރެލްގެ އޮފީހުން މި އޮފީހަށް މިއަދު ވަނީ އަންގަވާފައެވެ." ނަޝީދުގެ އޮފީހުން ބުންޏެވެ.

ރައީސް ނަޝީދުގެ އޮފީހުން ބުނީ ރައީސް ނަޝީދުގެ ބައިނަލްއަޤްވާމީ ޤަނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންނަވާ ޖެރެޑް ގެންސާ ރާއްޖެ ވަޑައިގަތުމަށް ބިޒްނަސް ވިސާ ހަމަޖެހެން ނެތްކަމުގައި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން މިދިޔަ މަހުގެ 20 ވަނަ ދުވަހު އަންގާފައިވާ ކަމަށެވެ.

"އަދި ބިޒްނަސް ވިސާ ހަމަޖެހޭނީ ސުޕްރީމް ކޯޓުގެ ލިޔުމެއް އޮތުމުން ކަމުގައިވެސް ރައީސް މުޙައްމަދު ނަޝީދުގެ އޮފީހަށް އެންގެވިއެވެ. ނަމަވެސް 2015 އޮގަސްޓް 5 ވަނަ ދުވަހު އެ ޑިޕާޓްމަންޓުން އެންގެވީ ބިޒްނަސް ވިސާ ދޫކުރުމަށް ބޭނުންވަނީ ސުޕްރީމް ކޯޓުގެ ލިޔުމެއް ނޫންކަމަށާއި އެފަދަ ލިޔުމެއް އެޓާނީ ޖެނެރެލްގެ އޮފީހުން ބޭނުންވާނެ ކަމުގައެވެ." ރައީސް ނަޝީދުގެ އޮފީހުން ބުންޏެވެ.

ޓެރަރިޒަމްގެ ކުށުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުގެ ފަރާތުން ހައިކޯޓުގައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިސްތިއުނާފުކޮށްފަ އެވެ.