17 Aug 2015, 21:52
ކުނި މެނޭޖު ކުރުމާއި ގައުމުގެ ރައްޔިތުންގެ ދިރިއުޅުމަށް އަންނަ ބަދަލުތަކާއި ކުނި މެނޭޖު ކުރާ ނިޒާމެއް އެކުލާވުމުގައި އެ ތަނެއް ތައްޔާރު ކުރާއިރު އެއާ އެކު އެ ނިޒާމު އިމްޕްލިމެންޓް ކުރުމުގެ މުހިއްމު ކަމަށް އަލިއަޅުވާލައި 3 އާރު ފޯރަމްގެ ފުރަތަމަ ދުވަހު ބައިވެރީންގެ މެދުގައި މަޝްވަރާކޮށްފި އެވެ.
އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގައި ކުނި މެނޭޖް ކުރުމާ ބެހޭ ގޮތުން ބާއްވާ އެންމެ ބޮޑު ފޯރަމް 3 އާރް (ރިޑިއުސް، ރިޔޫޒް، ރިސައިކަލް) މާލޭގައި މިއަދު ފަށާފައިވާއިރު އެ މައުލޫގެ ދަށުން ތިން ސެޝަނެއް ވަނީ ބާއްވާފައެވެ.
ފުރަތަމަ ސެޝަންގައި ތިމާވެއްޓަށް އަންނަ ބަދަލާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ހުރި ގުޅުމަށް ވަނީ ވާހަކަދެކެވި މަޝްވަރާ ކޮށްފައެވެ. އެގޮތުން އެ މައުލޫ އާ ގުޅިގެން އެކި ގައުމުތަކުން ޖުމްލަ ފަސް ޕްރެޒެންޓޭޝަނެއް ވަނީ ހުށަހަޅާފައެވެ. ރާއްޖެއިންވެސް ވަނީ އެ ސެޝަންގައި ޕްރެޒެންޓޭޝަނެއް ހުށަހަޅައިފައެވެ.
ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް ކުޑަކޮށް ތިމާވެއްޓަށް ފަސޭހަވާނެ ގޮތްތަކެއް އެކުލަވާލުމަށް ތައްޔާރުކޮށްފައިވާ ބައިނަލްއަގުވާމީ މިންގަނޑު 3 އާރު ފޯރަމް ރާއްޖޭގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ފަޔާޒު މޫސާ
އެންވަޔަރަންމަންޓް މިނިސްޓަރު ބައިވެރިވެވަޑައިން މިއަދު ކުރިއަށް ގެންދިޔަ ސެޝަންގައި ވަނީ އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގައި 3 އާރު އިމްޕްލިމެންޓް ކުރުމަށް ކުރާނެ އިންވެސްޓްމެންޓްތަކާ މެދު މަޝްވަރާ ކޮށްފައެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިން ކުރިއަށްގެންދިޔަ މިއަދުގެ ދެވަނަ ސެޝަންގައި ވަަނީ އަލަށް އުފައްދާ ތަނެއްގައި ކުނި މެނޭޖު ކުރުމުގެ ހިދުމަތް އެކުލަވާލުމުން އެކަމުގެ ސަބަބުން ލިބޭނެ ފައިދާތަކާބެހޭގޮތުން މަޝްވަރާކޮށްފައެވެ.
އެގޮތުން މާލޭގައި މީހުން އުޅުމަށް ތަރައްގީ ކުރަމުން އައި އިރު އެދެވިގެންވާ ފަދަ ކުނި މެނޭޖު ކުރުމުގެ ނިޒާމެއް އެކުލަވާލެވިފައި އޮތްނަމަ، މާލެއަށް މިހާރު ދިމާވާ ކުނީގެ މައްސަލަ ދިމާ ނުވާނެ ކަމަށް ގިނަ ބަޔަކު މިޔަދުގެ ސެޝަންގައި ވަނީ ބުނެފައެވެ.
މިއަދުގެ އެންމެ ފަހު ސެޝަންގައި މަޝްވަރާ ކޮށްފައިވަނީ ޓޫރިޒަމް އިންޑަސްޓްރީ އަށް 3 އާރު ތައާރަފު ކުރުމުން ލިބޭ ފައިދާތަކުގެ މައްޗަށެވެ.
އެ ސެޝަންގައިވެސް ރާއްޖެއިން ޕްރެޒެންޓޭޝަން ހުށަހަޅާފައިވާއިރު އެ ސެޝަންގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ބައިވެރިވެ ވަޑައިންނަވާފައިވެއެވެ.
ފޯރަމްގެ ފުރަތަމަ ދުވަހުގެ ސެޝަންތައް ރަނގަޅަށް ގޮސްފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.
މާދަމާގެ ފުރަތަމަ ސެޝަން ފަށާނީ ހެނދުނު އެވެ. އެ ސެޝަންގެ މައުލޫއަކީ "3 އާރު ގެ ސަބަބުން އިގްތިސޯދަށް ލިބޭ ފައިދާތައް" މިއެވެ.