ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ މެދުތެރޭ ހިސާބުގަނޑެއްގައި ހުރި ހިންދޫން އަޅުކަންކުރާ ތަނެއްގެ ކައިރީގައި ދިން ބާރުގަދަ ބޮމުގެ ހަމަލާއެއްގައި މަދުވެގެން 12 މީހުން މަރުވެ އެތަކެއް ބަޔަކު ޒަޚަމްވެއްޖެ އެވެ.

މަންޒަރު ދުށް މީހުންނާ ހަވާލާދީ ބީބީސީން ބުނީ، މަދުވެގެން 12 މީހުން މަރުވެ 20 އަށްވުރެ ގިނަ މީހުންނަށް ސީރިއަސް ޒަޚަމްތަކެއް ލިބިފައިވާއިރު، ބޮންގޮއްވާލި ސަރަހައްދުގައި އިންސާނުންގެ ހަށިގަނޑުގެ ބައިތައް ބުރައިގެންގޮސްފައި ހުރި ކަމަށެވެ.

ތައިލެންޑުގެ ވިޔަފާރީގެ ވެސް މައި މަރުކަޒު ކަމަށްވާ ބެންކޮކްގެ މަޝްހޫރު ސެންޓްރަލް ޗިޑްލޮމް މޯލް ކައިރީގައި ހުންނަ "އިރަވަން ޝްރައިން" ކައިރީގައި ދިން ބާރުގަދަ ބޮމުގެ ހަމަލާ ދީފައިވަނީ، ސައިކަލްގައި ބޮން ހަރުކޮށްގެން ކަމަށް ލަފާކުރެވޭ ކަމަށް އެގައުމުގެ ފުލުހުންނާ ހަވާލާދީ ބީބީސީން ބުނެފައި ވެއެވެ. އެ ހަމަލާދީފައި ވަނީ، ބެންކޮކް ގަޑިން ހަވީރު 7:10 ކަންހާއިރުއެވެ.

ބޮމުގެ ހަމަލާދިން ސަރަހައްދު --

މަންޒަރުދުށް މީހުންނާ ހަވާލާދީ އަލް ޖަޒީރާގައި ބުނެފައި ވަނީ، އެ ބާރުގަދަ ގޮވުމާއެކު އެ ސަރަހައްދުގައި ހުރި އިމާރާތްތަކަށްވެސް ލޮޅުން އެރި ކަމަށެވެ. އަދި އެ ހަމަލާއާ ގުޅިގެން ސަލާމަތީ ބާރުތަކުން އެ ސަރަހައްދު އެއްކޮށް ބަންދުކޮށްފައި ވާކަމަށް ވެއެވެ.

ގިނަ އަދަދެއްގެ ހިންދޫންނާއި ބުދުދީނުގެ މީހުން އެތަނުގައި އަޅުކަންކުރުމަށް އެއްވެފައި ވަނިކޮށް ދިން ބާރުގަދަ ބޮމުގެ ހަމަލާގައި ޒަޚަމްވި މީހުންނަށް ފަރުވާދިނުމަށް ޕެރަމެޑިކްސް އާއި ފުލުހުން ހަރަކާތްތެރިވަމުން ދާއިރު، ނޭޝަނަލް ޕޮލިސް ސްޕޯކްސްމަން ލެފްޓެނަންޓް ޖެނެރަލް ޕްރަވުތު ތަވޮންސިރީ އޭއެފްޕީއަށް ވިދާޅުވެފައި ވަނީ، "ގޮށްވާލާފައި ވަނީ ބޮމެއްކަން ކަށަވަރު، އެއީ ކޮން ބާވަތެއްގެ ބޮމެއްކަން ބުނެދޭން އަދި ނޭނގެ. އަޅުގަނޑުމެން މިދަނީ އެކަން ބަލަމުން،" ކަމަށެވެ.

ބޮމުގެ ހަމަލާގައި ޒަޚަމްވި މީހުންނަށް ފަރުވާދިނުމާއި މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ހޯދުމުގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ: ބީބީސީ

ބެންކޮކްގައި މިއަދު ބޮމުގެ ހަމަލާއެއް ދީފައިވާ ރަޗަޕްރަސޮންގް އިންޓަރސެކްޝަން އަކީ، އެގައުމުގައި މިފަހަކަށް އައިސް ބާއްވަމުން އަންނަ އެންމެ ބޮޑެތި ސިޔާސީ އެއްވުންތަކާއި މުޒާހަރާތަކަށް މީހުން ޖަމާވާ ސަރަހައްދެވެ. އަދި އެ ސަރަހައްދަކީ ނޭޝަނަލް ޕޮލިސް ހެޑްކުއާޓާޒްއާއި ޕޮލިސް ހޮސްޕިޓަލާވެސް ވަރަށް ކައިރީގައި ހުރި ތެނެއް ކަމަށް ވުމުން ސަރަހައްދު ބަންދުކޮށް ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށްފައި ވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ބެންކޮކަކީ ވިޔަފާރިއަށާއި ބޭސްފަރުވާއަށާއި ޗުއްޓީހޭދަކޮށްލުން ފަދަ ކަންކަމުގައި ގިނަ އަދަދެއްގެ ދިވެހީން ވަރަށް ގިނައިން ދާ ތަނެކެވެ. އެހެން ނަމަވެސް މި ހާދިސާގައި ދިވެއްސަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތު އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.