ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރާ މީހެއްގެ އަދަބުގެ ބާވަތް ބަދަލުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު (ޓޮމް) ހުށަހެޅުއްވި އިސްލާހު ކޮމެޓީން ފާސްކުރީ އެވަގުތު ކޮމެޓީއަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުން ނެވެ.

މިހާރު އެ މާއްދާގައި ވަނީ މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބަކީ، އެ ކުށާ ގުޅިގެން އެ އަށްވުރެ ލުއި އަދަބުތަކެއް ކަނޑައެޅުމަށް ވެސް ގާނޫނުގައި ފުރުސަތު ލިބިގެންވާ ކުށެއް ކަމުގައި ވާހިނދު އޭގެ ތެރެއިން ލުއި ބާވަތެއްގެ އަދަބަށް އޭނާގެ އަދަބުގެ ބާވަތް ބަދަލުކޮށް ދިނުމަކީ ވެސް މައާފްކޮށް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގިންތިއެއް ކަމަށެވެ.

އެ މާއްދާއަށް ހުށަހެޅި އިސްލާހުގައި ވަނީ މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބުގެ ބާވަތް ބަދަލުކޮށްދިނުމަކީ ވެސް މައާފްކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގިންތިއެއް ކަމަށެވެ.

އެ އިސްލާހު އެގޮތަށް ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފިނަމަ، ޖަލު ހުކުމް ތަންފީޒު ކުރަމުންދާ މީހުން ގޭބަންދަށް ބަދަލުކުރުމުގެ ބާރު ގާނޫނީގޮތުން ރައީސަށް ލިބިގެންދާނެ އެވެ.

ޠާރިގު ވިދާޅުވީ މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ އެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން ބައެއް ގާނޫނުތަކުގައި އަދަބު ކަނޑައަޅާ ބާވަތްތަކާއި މިންގަނޑުތަކަށް ބަދަލު އައިސްފައިވާތީ އެ ގާނޫނުގެ މަގްސަދު ފުރިހަމައަށް ހާސިލް ކުރުމަށް ކަމަށެވެ.