13 Mar 2011, 17:45
ދާދިފަހުން ދ. އަތޮޅު ކަނޑިންމައިން ފެނުނު ގްރެނައިޑަކީ އޮޔާ ލައްވެފައި އޮތް އެއްޗެއް ކަމަށާއި އެއީ އާދަޔާ ހިލާފުކަމެއް ނޫންކަމަށް ގައުމީ ދިފާއީ ބާރުން މިއަދު ބުނެފި އެވެ.
ދިފާއީ ބާރުގެ މީޑިއާ ކޯޑިނޭޓާ މޭޖާ އަބްދުއްރަހީމް މިއަދު ވިދާޅުވީ މީގެ ކުރިންވެސް ބައެއް ރަށްރަށަށް އެފަދަ ބައެއް ގޮވާއެއްޗިހި ލައްވެފައި އެބަހުރިކަމަށާއި އެއީ އާދަޔާހިލާފު ކަމެއް ނޫންކަމަށެވެ.
"މިކަހަލަ އެއްޗިއްސަކީ އެގޮތަށް ފްލޯޓް ވާއެއްޗިހި. އެނގިވަޑައިގަންނަވާނެ މީގެ ކުރިންވެސް ފްލޯޓް ވެގެން އެބަހުރި އެކަހަލަ ތަކެތި ރާއްޖެ އައިސް ލައްވެފައި. މިއީ އާދަޔާ ހިލާފު ކަމެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ނަމަވެސް ކަނޑިންމައިން ފެނުނު ގްރެނައިޑަކީ ކިހާ ބާރުގަދަ އެއްޗެއް ކަމެއް ވެސް އަދި އެއިން ލިބިދާނެ ގެއްލުމާ ގުޅޭގޮތުން އެއްޗެއް ބުނަން ދަތިކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އޭގެ ފަހުން އިތުރު ގްރެނައިޑެއް އެރަށުންވެސް އަދި ރާއްޖޭގެ އެހެން ރަށަކުންވެސް ފެނިފައި ނުވާ ކަމަށެވެ.
މީގެ ކުރިން ބައެއް ރަށްރަށައް ގޮވާތަކެތި ލައްވެފައި ހުރިކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ އެފަދަ ތަކެތީގެ ސަބަބުން ނުރައްކާތެރި ހާދިސާތަކެއްވެސް ހިނގާފައި ވާކަމަށެވެ.
"އެކަހަލަ ފަހަރު ފަހަރު ކަންތައްތައް ވެފައި މި ހުންނަނީ އެ ގެންގުޅެވޭ ނޫނީ އަތްލެވޭ ގޮތަކުން އެ ގޮވައިގެން ގެއްލުންތައް ވެފައި މި ހުރީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ކަނޑިންމައިން ގްރެނައިޑް ފެނިފައިވަނީ ދ. ވާނީ ބަޔަކު ފަޅުތެރޭގައި ފީނަން އުޅެނިކޮށް އެރަށުން ބޮމެއް ކަހަލަ އެއްޗެހި ތަކެއް ފެނުނު ކަމަށް އެތަނުން ކުއްޖަކު ބުނުމުން އެމީހުން ރަށުތެރެއަށް އަރާ އުޅެނިކޮށް ފެބުރުއަރީ 19. 2011 ގައެވެ.