ފަންސާސް ހަތަރު ޕަސިންޖަރުންނާއެކު ދަތުރު ކުރި އިންޑޮނީޝިއާގެ ފުލައިޓެއް ވެއްޓި ކުޑަކުދިންނާއި އަންހެންހެނުން ހިމެނޭގޮތަށް އެތައް ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވާތީ އެކަމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެގައުމުގެ ރައީސް ޖޯކޯ ވިޑޯޑޯއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް ޔާމީންގެ މެސެޖުގައި ފްލައިޓު ވެއްޓުނު ޚަބަރު އެމަނިކުފާނު އެއްސެވީ ވަރަށް ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވި އެވެ.

ގައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އިންޑޮނީޝިއާގެ ރައީސަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު އެމަނިކުފާނު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

އަދި އެ ހާދިސާގައި ގެއްލުނު މީހުންގެ އާއިލާތަކަށްވެސް ހަމްދަރުދީ ރައްދުކޮށްދެއްވުމަށް ރައީސް ޔަމީން ވަނީ އެދިވަޑައިގެންފައެވެ.

ޓްރިގަނަ އެއާ ފްލައިޓަކީ ހަމައެކަނި އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ފްލައިޓެކެވެ. އެ ބޯޓުގެ ބައިތަކެއް ވެއްޓިފައި ވަނިކޮށް ފެނިފައިވާ ކަމަށް އެ ގައުމުގެ ޓްރާންސޕޯޓު މިނިސްޓަރު ރޭ ވަނީ ވިދާޅުވެފައެވެ.