17 Aug 2015, 15:46
ވިލިމާލޭގައި ފާރެއް ވެއްޓީ އަނިޔާ ލިބުނު 14 އަހަރުގެ ފިރިހެން ކުއްޖަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު މިއަދު ސަން އަށް ވިދާޅުވީ މިއަދު ހެނދުނުން ފެށިގެން އެކުއްޖާއަށް އެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ.
ޒީނަތު ވިދާޅުވީ އެ ހާދިސާގައި އެ ކުއްޖާގެ އުކުޅުވަޅުގެ ކަށިގަނޑެއްގައި ރެނދެއް ލާފައިވާ ކަމަށް އެކްސްރޭއިން ދައްކާތީ މިހާރު އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކަމަށެވެ.
އެ ހާދިސާގައި އެކުއްޖާގެ ގައިގެ ބައެއް ތަންތަން މަށައިގެ ގޮސް ބައެއް ތަންތަން ދުޅަވެފައިވާ ކަމަށް ވެސް ޒީނަތު ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ 14 އަހަރުގެ އެކުއްޖާ ވިލިމާލޭ ކުނިގޮނޑު ސަރަހައްދުގެ ޖޯއްޔެއްގައި އިންދައި އެތަނުގައި ހުރި ފާރެއް ވެއްޓުނީ މިއަދު ހެނދުނު އައި ކޮޅިގަނޑުގައި ކަމަށެވެ.
އެ ހާދިސާގައި 40 އަހަރުގެ ފިރިހެނަކު ވެސް ޒަޚަމްވި ކަމަށާއި ނަމަވެސް އޭނާ އަށް މާބޮޑު އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.