އިންޓަ މިލާންގެ ޒުވާން މިޑްފީލްޑަރު މަޓެއޯ ކޮވަޗިޗް 32 މިލިއަން ޔޫރޯއަށް ރެއާލް މެޑްރިޑަށް ބަދަލުވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ކޮވަޗިޗް ރެއާލަށް ބަދަލުވުމުގެ ހުރިހާ ކަމެއް ދެ ކުލަބުގެ މެދުގައި މިދިޔަ އާދީއްތަ ދުވަހު ނިމިފައިވާއިރު ކޮވަޗިޗް ވަނީ ރެއާލްގެ މެޑިކަލް ޓެސްޓްތައް ފުރިހަމަ ކުރުމަށް ހޯމަދުވަހު މެޑްރިޑަށް ގޮސްފައެވެ.

ލިވަޕޫލުން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކޮވަޗިޗްގެ އަގަކަށް އިންޓައިން ކިޔާފައިވަނީ 35 މިލިއަން ޔޫރޯއެވެ. ނަމަވެސް މިފަހަރުގެ ޓްރާންސްފާ ޕީރިއަޑްގައި 110.1 މިލިއަން ޔޫރޯ ހޭދަކޮށްފައިވާ ލިވަޕޫލަށް ކޮވަޗިޗް ނުގެނެވުނީ އޭނާގެ އަގަށް އިންޓައިން ކިޔަފައިވާ ޓްރާންސްފާގެ އަގު މަތިކަމަށް ބުނެއެވެ.

ނަމަވެސް ރެއާލްއިން ޓްރާންސްފާގެ އަގުގެ ގޮތުގައި 32 މިލިއަން ޔޫރޯއަށް އިންޓައިން އެއްބަސްވީ ފަހުން އިތުރު ތިން މިލިއަން ޔޫރޯގެ ޕެކޭޖެއް ރެއާލްއިން ހުށަހަޅާގޮތަށް ދެ ކުލަބުގެ ދެމެދުގައި ދެކެވުނު ވާހަކަތަކުގައި އެއްބަސް ވެފައިވާތީއެވެ.

ބާސެލޯނާއިން ވަނީ އެޓީމް ދޫކޮށް ގަތަރުގެ އަލްސާދަށް ބަދަލުވި ޒަވީ ހެނާންޑޭޒްގެ ރިޕްލޭސްމެންޓަކަށް ކޮވަޗިޗް، އެޓީމަށް ގެނައުމަށް މިއަހަރު ކުރީކޮޅު މަސައްކަތް ކޮށްފައެވެ.

ކޮވަޗިޗްގެ ކުޅުމުގެ ސްޓައިލް އެންމެ ވައްތަރީ ބާސާގެ ކެޕްޓަން އަންދުރޭ އިނިއެސްޓާގެ ކުޅުމާކަމަށް އިޓަލީގެ މީޑީއާތަކުގައި ވަނީ ބުނެފައެވެ.

ކްރޮއޭޝިއާގެ ގައުމީ ޓީމަށްވެސް ކުޅެމުންދާ ކޮވަޗިޗް ރެއާލްއާ ގުޅުމުން މިހާރު އެޓީމަށް ކުޅެމުންގެންދާ ކޮރޭޝިއާގެ އަނެއް މިޑްފީލްޑަރު ލުކާ މޮޑްރިޗާ ދެމެދު ޓެކްނިކަލް ރަނގަޅު ގުޅުމެއް އުފެދި ރެއާލްގެ މިޑްފީލްޑް އިތުރަށް ވަރުގަދަ ވާނެކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ރެއާލް މެޑްރިޑްގެ ކްރޮއޭޝިއާގެ މިޑްފީލްޑަރު ލުކާ މޮޑްރިޗް (ކ) އާއި ރެއާލްއާ އަލަށް ގުޅުމަށް ހަމަޖެހިފައިވާ މާޓެއޯ ކޮވަޗިޗްއެކު. ކޮވަޗިޗް ރެއާލްއާ ގުޅުމުން އެޓީމްގެ މެދުތެރެ އިތުރަށް ވަރުގަދަ ވެގެންދާނެކަމަށް މީޑީއާ ރިޕޯޓްތައް ބުނޭ --- ފައިލް ފޮޓޯ/ ޓްވިޓާ

އުމުރުން 21 އަހަރުގެ ކޮވަޗިޗް ކެރިއާ ފެށީ، 2010 ވަނަ އަހަރު ކްރޮއޭޝިއާގެ ޑައިނަމޯ ޒާގްރެބްއިންނެވެ.

އިންޓަގެ ކޯޗް ރޮބާޓޯ މަންޗިނީ ބުނީ ކޮވަޗިޗް ދޫކޮށްލަން ޖެހުނީ ފައިނޭންޝަލް ފެއާޕްލޭގެ ދަށުން ކަމަށާއި އެ ފައިސާއިން އެހެން ކުޅުންތެރިން ޓީމަށް ގެނެވޭނެކަމަށެވެ.

ބެލެވޭ ގޮތުގައި ކޮވަޗިޗް ރެއާލްއަށް ވިއްކާލުމުން ލިބޭ ފައިސާއިން އިންޓައިން ހޭދަކުރާނީ ރެއާލްގެ ޑިފެންޑަރު ޕޯޗްގަލްގެ ފަބިއޯ ކޮންޓްރައޯއާއި ޖަރުމަންގެ ވޮލްފްސްބާގަށް ކުޅޭ ކްރޮއޭޝިއާގެ އެހެން މިޑްފީލްޑަރެއް ކަމަށްވާ އީވަން ޕެރިސިޗް ގެނައުމަށެވެ.