ފަންސާސް ހަތަރު މީހުންނާ އެކު ޕަޕުޕާ ޕްރޮވިންސަށް ވެއްޓުނު އިންޑޮނޭޝިޔާގެ މަތިންދާ ބޯޓު ދަތުރު ކުރީ 470،000 ޑޮލަރުގެ އަގު ހުރި ފައިސާއާ އެކު ކަމަށް، ޕޯސްޓް އޮފީހުގެ ތަރުޖަމާނާ ހަވާލާދީ ރޮއިޓާސް އިން މިއަދު ބުނެފި އެވެ.

ބޯޓު ވެއްޓުނު ފަރަދުބަދަ ސަރަހައްދަށް ސަލާމަތީ ޓީމުން މިހާރު ދަނީ ދަތުރު ކުރަމުންނެވެ.

ދަ ޓްރިގާނާ އެއާ ސާވިސްގެ މަތިންދާބޯޓު އޭޓީއާރު 42-300 ވެއްޓުނީ އިއްޔެ އެވެ.

ބޯޓުގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެތިތަކެއް ބިންޓޭންގް ފަރުބަދަ ސަރަހައްދުން ފެނިފައިވާ ކަމަށް ކުރިން ވަނީ ބުނެފަ އެވެ. އަދި އެ ދިމާ އަށް ރެސްކިއު ޓީމުން ދަތުރު ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ޖަޔަޕޫރާގެ ސެންޓަނާއިން ފުރި އެ ބޯޓުގައި 44 ފަސިންޖަރުނާއި ތުއްތު ކުއްޖަކާ އެކު ފަސް ކުދިންނާއި ފަސް ފަޅުވެރިން ދަތުރުކުރި އެވެ.

ނޭޝަނަލް ސާޗު އެންޑް ރެސްކިއު އެޖެންސީގެ އޮފިޝަލަކު ވިދާޅުވީ އެ ބޯޓުން ދަތުރު ކުރީ މުޅިން ވެސް އިންޑޮނޭޝިޔާ ރައްޔިތުން ކަމަށެވެ.

ބޯޓުގައި ގިނަ އަދަދަކަށް ފައިސާ ހުރުމާ ބޯޓު ވެއްޓުމާ އެއްވެސް ގުޅުމެއްވާ ކަމެއް ނޭނގެ އެވެ.

"ހަތަރު މީހުން އެ ފައިސާ ގެންދިޔައީ. އެއީ 6.5 ބިލިއަން ރުޕިޔާ،" ޕޯސްޓް އޮފީހުގެ ތަރުޖަމާން ވިދާޅުވި އެވެ.

އެ ފައިސާ އަކީ ރަސްމީ ޕްރޮގްރާމްގެ ތެރެއިން ފަގީރުންނަށް ބެހުމަށް ގެންދިޔަ ފައިސާތަކެއް ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ އިންޑޮނޭޝިޔާގެ އިރުމަތީ ޕްރޮވިންސްތަކަކީ ރަނގަޅު އިންފްރާސްޓްރަކްޗާ ގާއިމު ކުރެވިފައިވާ ސަރަހައްދަކަށް ނުވާތީ ވައިގެ މަގުން ފައިސާ ގެންދިއުމަކީ އާންމު ކަމެއް ކަމަށެވެ.

ސުޕާ ޕުމާ މަރުކާގެ ހެލިކޮޕްޓަރެއް ވެސް ވަނީ މިދިޔަ އަަހަރު އެ ސަރަހައްދަށް ވެއްޓިފަ އެވެ. ނޭޝަނަލް ސާޗު އެންޑް ރެސްކިއު އެޖެންސީގެ އޮފިޝަލު ވިދާޅުވީ އެ ސަރަހައްދަކީ ގޮތް ނޭނގޭ މޫސުމެއް އޮންނަ ސަރަހްއްދެއް ކަމަށެވެ.

"އެ ތަނުގެ މޫސުމަކީ އަބަދުމެ ބަދަލުވެވެ، އޮންނަ މޫސުމެއް. ހެނދުނު އޮންނަ ގޮތަކަށް ނޫން ހަވީރު އޮންނީ، ހެނދުނު ވަރަށް ނަލަކޮށް އޮވެފައި ހަވީރު ކުއްލި އަކަށް ވާރޭ ވެހިދާނެ،" އޭނާ ވިދާޅުވި އެވެ.

އޭވިއޭޝަން ސޭފްޓީ ނެޓްވޯކުން ބުނާ ގޮތުގައި އޭޓީއާރު 42-300ގެ ދަތުރެއް ފުރަތަމަ ކުރީ މީގެ 27 އަހަރު ކުރިންނެވެ. ޓްރިގާނާ އެއާސާވިސްގެ ފްލީޓްގައި 14 އެއާކްރާޓް އޮވެ އެވެ. އެ ފްލީޓްގެ ބޯޓުތަކުގެ އެވްރެޖު އުމަރަކީ 26.6 އަހަރެވެ.

ސަލާމަތީ ސަބަބުތަކަށް ޓަކައި ޓްރިގާނާ ވަނީ ޔޫރިޕިއަން ޔުނިއަނުން 2007 ވަނަ އަހަރު ބޭންކޮށްފަ އެވެ. އެ އާލައިންގެ ދަތުރުތައް 1991 ވަނަ އަހަރު ފެށި ފަހުން ވައިގެ ތަފާތު ނުރައްކާ 14 ހާދިސާއެއް ހިނގާފައިވެ އެވެ.

އިންޑޮނޭޝިޔާގައި މިދިޔަ އަހަރު ވައިގެ ބޮޑު ދެ ހާދިސާއެއް ހިނގާފައިވެ އެވެ. އޭގެ ތެރޭގައި 162 މީހުންނާ އެކު ޖާވާ ކަނޑަށް ވެއްޓުނު އެެއާ އޭޝިޔާގެ މަތިންދާބޯޓު ހިމެނެ އެވެ.

މުސްކުޅި ބޯޓުތަކެއް ގެންގުޅޭ އިންޑޮނޭޝިޔާގެ މިލިޓަރީ ބޯޓެއް މިދިޔަ ޖެނުއަރީ މަހު ވެއްޓި 100 މީހުން މަރުވުމުން އިންޑޮނޭޝިޔާގެ ރައީސް ވިދާޅުވެފައި ވަނީ މުސްކުޅި ބޯޓުތަކުގެ މައްސަލަ ރިވުއު ކުރައްވާނެ ކަމަށެވެ.