17 Aug 2015, 15:18
ކީރިތި ގުރުއާން އެއްކޮށް ކިޔަވައި ރެކޯޑް ކުރުމުގެ މަސައްކަތް ގައުމީ އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފައްޓަވައިފި އެވެ.
ރީތިކޮށް ގުރުއާން ވިދާޅުވަމުން ގެންދަވާ ޑރ. ޝަހީމް "ސަން"އަށް މިއަދު ވިދާޅުވީ، އެމަނިކުފާނުގެ އަޑުން ކީރިތި ގުރުއާން ކިޔަވައި ރެކޯޑް ކުރުމުގެ މަސައްކަތް ފެއްޓެވީ އާންމުން އެކަމަށް އެދޭތީ ކަމަށެވެ.

"ވަރަށް ދުވަސްވެއްޖެ މިކަމާ އުޅޭތާ ވަރަށް ގިނަ ބައެއްގެ އެދިވަޑައިގަތުމަކަށް. ވަރަށް ގިނަ ކުޑަކުދިން ވެސް ބޭނުންވެގެން އުޅޭ. ނަމާދުން ދިމާވާ މީހުން ވެސް ދަރިވަރުން ވެސް. އެހެންވެގެން އަޅުގަނޑުމެން ރޭގަ މި މަސައްކަތް މި ފެށީ. އިރާދަކުރެއްވިއްޔާ މުޅި ގުރުއާން އެއްކޮށް ރެކޯޑް ކުރާނަން،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ރޭގައި ރެކޯޑް ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ އިރު، ފުރަތަމަ ރެކޯޑް ކުރަން ހަމަޖެހިފައި ވަނީ އަންމާފޮތުގައި ހިމެނޭ ސޫރަތްތައް ކަމަށެވެ. އެއީ ގިނަ އަދަދެއްގެ ކުޑަކުދިން އެކަމަށް އެދޭތީ ކަމަށާއި މިރޭ އަންމާފޮތުގެ ބައި ރެކޯޑްކޮށް ނިންމާލައްވާނެ ކަމަށެވެ. އަދި މަސައްކަތް ކުރައްވަނީ ޙައްޖުގެ ކުރިން އަންމާފޮތުގެ ބައި ނެރެން ކަމަށް ޝަހީމް ވިދާޅުވި އެވެ.

"އަޅުގަނޑު މި ކިޔަވަނީ މިކަމަށް އެދިލެއްވި ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުން އެދިލެއްވި ރާގަށް،" ޝަހީމް ވިދާޅުވި އެވެ.
ރެކޯޑް ކުރުމަށްފަހު ބޭނުންވާ ފަރާތްތަކަށް ސީޑީ ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާމެދު އެކަމަށް ހާއްސަ ކޮމިޓީއަކުން މަސައްކަތް ކުރައްވާނެ ކަމަށާއި އެކަމާ ގުޅޭ ގޮތުން އަދި ވަކިގޮތެއް ނުނިންމަވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ކަމުން އަމިއްލައަށް އިސްތިއުފާ ދެއްވުމަށްފަހު ވެސް ޝަހީމް އަންނަނީ ދީނީ ގޮތުން ގިނަ ޚިދުމަތްތަކެއް ކުރައްވަމުންނެވެ.