ކޯޓުން ކުށްވެރިން ދޫކުރަމުންދާ ކަމަށް އެކި ފަރާތްތަކުން ބުނަމުން ދަނީ ގާނޫނު އަސާސީ އާއި ގާނޫނާއި ކޯޓުތަކުން ކުރަމުންގެންދާ މަސައްކަތްތަކަށް ޣާފިލުވެ ތިބެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފި އެވެ.

ކްރިމިނަލް ކޯޓުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ކުށެއްގެ ތުހުމަތު ކުރެވުނު ނަމަވެސް އެ ކުށެއް ސާބިތުނުވާހާ ހިނދަކު އެއީ ކުށެއް ނެތް މީހެއް ކަމަށް ބެލުމަކީ ގާނޫނު އަސާސީ ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އެ ބަޔާނުގައި ބުނެފައި ވަނީ އެކިއެކި ކުށްކުށުގައި ހައްޔަރު ކުރާ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމާއި ބަންދުން ދޫކޮށްލުމާއި ދައުވާއެއް ކުރުމުން ސާބިތުވުމާއި ސާބިތުނުވުމަކީ ޝަރުއީ ނިޒާމުގެ ދިގު ތާރީހުގައި ކޮންމެ ދުވަހަކު ވެސް ހިނގަމުން އަންނަ ކަންތައް ކަމަށެވެ. އަދި ހައްޔަރު ކުރާ މީހަކު ބަންދުން ދޫކޮށްލިޔަސް ބަންދުގެ މުއްދަތު އިތުރު ކުރި ނަމަވެސް ދައުވާއެއް ސާބިތުވި ނަމަވެސް އަދި ސާބިތުނުވި ނަމަވެސް އެ މައްސަލައެއް މަތީ މަރުހަލާގެ ކޯޓަކަށް ހުށަހެޅޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

ކޯޓުން ބުނެފައި ވަނީ ކަންތައް އެގޮތަށް ހުރިއިރު ކޯޓުން މީހުން ދޫކުރަނީ ކަމަށް ބުނުމަކީ ގާނޫނު އަސާސީ އާއި ގާނޫނާއި ކޯޓުތަކުން ކުރަމުން އަންނަ މަސައްކަތަށް ޣާފިލުވެ ތިބެ ދައްކަމުން އަންނަ ގާނޫނީ ގޮތުން ބުރަދަނެއް ނެތް ވާހަކަތަކެއް ކަމަށެވެ.

"...އެހެނީ ކޯޓުން ބަލަނީ އެމީހެއްގެ މައްޗަށް ތުހުމަތު ކުރާ ކަމެއްގެ ކުޑަ ބޮޑު މިނަކަށް ނޫނެވެ. ކޯޓުން ބަލަނީ އެމީހެއްގެ މައްޗަށް ހުށަހަޅާ ހެއްކާއި ގަރީނާގެ މައްޗަށެވެ. ހެއްކާއި ގަރީނާ ހުށަހެޅުމަކީ ކޯޓުން ކުރާ ކަމެއް ނޫނެވެ. ކޯޓުން ކުރާ ކަމަކީ ހުށަހަޅާ ހެކި މިންކޮށް ވަޒަންކުރުމުގެ މަސައްކަތެވެ،" އެ ބަޔާނުގައިވެ އެވެ.

~

މީގެ އިތުރުން ބުނެފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނަށް ގޮންޖަހައި ކުރަމުންދާ ގެންދާ މަސައްކަތް ހުއްޓާލައި މަޝްވަރާގެ އުސޫލުން ކަންކަން ހައްލު ކުރަން މަސައްކަތް ކުރުމަކީ ގައުމާއި ރައްޔިތުންނަށް އެންމެ ސުލްހަވެރި ގޮތްކަމުގައި ދެކޭ ކަމަށެވެ.

"ގާނޫނު އަސާސީ އާއި ގާނޫނުތަކަށް ގޮންޖަހައި ޝަރުއީ ކޯޓުތަކާއި ފަނޑިޔާރުންގެ ހުރުމަތް ކަނޑައި މި ގައުމުގެ ހަމަ އެކެއްގެ ވެސް ހުރުމަތެއް ނުބެހެއްޓުމަށް ކުރަމުންމިދާ މަސައްކަތް ހުއްޓުމަކަށް ގެނެސް ގާނޫނު އަސާސީ އާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތައި ކޯޓުތަކުގެ ހުކުމްތަކާއި އަމުރުތަކަށް ބޯލަނބައި ނަފުސުތައް ހާނައި އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމާއެކު މުއާމަލާތްކޮށް މަޝްވަރާގެ މަތިވެރި އުސޫލުން ކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރުމަކީ ގައުމާއި ރައްޔިތުންނަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމުގައި ދެކެން،" އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ކޯޓުން ބުނެފައި ވަނީ އެކި މައްސަލަތަކުގައި ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރާ ބައެއް މީހުންނަކީ އެކި ކުށްތައް ސާބިތުވެގެން ދިގު މުއްދަތަކަށް ޖަލަށްލާން ހުކުމްކޮށްފައިވާ މީހުން ކަމަށެވެ. އަދި އެފަދަ އެއްވެސް މީހަކު މުޖްތަމައަށް ދޫކުރުމަށް އެ ކޯޓުން އެއްވެސް އަމުރެއް ނެރެފައިވާ ނުވާނެ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ބަޔާނުގައިވެ އެވެ.