މިއަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހަކަށް ހަމަލާދިން މައްސަލައިގެ ޝަރީއަތް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ސާވާ ޑައުން ވެގެން ކެންސަލްކޮށްފިއެވެ.

ސ. ހުޅުދޫ އިރުވައި އަހްމަދު އުނިސް އާއި ގ. ފްރެޝްލައިޓް އިބްރާހީމް ރަޝީދު އަދި ސ. ހުޅުދޫ ހޮސްޓްރޭލިޔާ އިބްރާހީމް އިބާދުގެ ޝަރީއަތް މިއަދު ތާވަލް ކުރީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނެގުމަށެވެ.

ހުރިހާ ހެކީންނަކީ ވެސް ސިއްރު ހެކީން ކަމުގައިވާތީ ޖުޑީޝަރީގެ ސާވާ ޑައުންވުމުން މިއަދު ވަނީ ހެކިބަސްނެގޭ ގޮތެއް ނުފައެވެ.

އެ މީހުންގެ މައްޗަށް ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހުގެ ރޭ 10:00 އާއި 10:30 އާ ދެމެދުގެ ވަގުތެއްގައި ޗާންދަނީމަގު އިސްކަންދަރު ސްކޫލް ކުރިމަތިން ދެކުނުން އުތުރަށް ޕޮލިސް ސާޖަންޓު އަބްދުއްރަހްމާން ހުސައިން ދުއްވާފައި ދަނިކޮށް މުޒާހަރާގެ ބައުވެރިއަކު އޭނާ ބިންމައްޗަށް ވައްޓާލައި އޭނާއަށް ހަމަލާދީފައިވާ ކަމަށެވެ.

ފުލުސް މީހާ ބިންމައްޗަށް ވައްޓާލުމުން އެމީހުންގެ ތެރެއިން އިބާދު ގަދަކަމުން ފުލުސް މީހާގެ އަތުގައި އޮތް މުގުރު ނަގައި އޭނާގެ ގައިގައި ތަޅާފައިވާ ކަމަށް ދައުވާގައި ވެއެވެ.

އެމީހުންގެ ތެރެއިން އުނައިސް ހެލްމެޓަކުން ފުލުސް މީހާގެ ގައިގައި ޖަހާފައިވާ އިރު އަދި އިބްރާހީމް ރަޝީދު ފުލުސް މީހާގެ ގައިގައި ކޯނަކުން ޖަހާފައިވާ ކަމަށް ދައުވާގައި ވެއެވެ.