ގާހިރާ (އޮގަސްޓް) : ޓެރަރިޒަމާ ދެކޮޅަށް މިސްރުގެ ސަރުކާރުން އެކުލަވާލި އައުގާނޫނެއް ރައީސް އަބްދުލްފައްތާޙް އައްސީސީ ތަސްދީގު ކުރައްވައި މިސްރުގެ ދައުލަތުގެ ގެޒެޓްގައި އެގާނޫނު މިއަދު ޝާއިޢުކޮށްފި އެވެ.

މިއަދުން ފެށިގެން އަމަލުކުރުމަށް ހަމަޖެހިފައިވާ އެގާނޫނު ބިނާވެފައި ވަނީ މިސްރު ސަރުކާރާ ދެކޮޅަށް ސިޔާސީ ގޮތުންނާއި ފާޑުކިޔުމުގެ ގޮތުން އަޑުއުފުލާ ފަރާތްތަކާ ދެކޮޅަށް ވެސް ޓެރަރިޒަމްގެ ކުށުގައި ދައުވާ އުފުލޭ ގޮތަށް ކަމަށް އިންސާނީ ހައްގުތަކަށް ފަރާތްތަކުން ބުނެ އެވެ. މިސްރުގެ ނޫސްވެރިންގެ ޖަމްޢިއްޔާއާއި ޝަރުއީ ކަންތައްތަކާ ބެހޭ މަތީމަޖިލީހުންނާ އަދި އިންސާނި ހައްގުތަކާ ބެހޭ ގައުމީ މަޖިލީހުން ވަނީ މި ގާނޫނާމެދު ހިތްހަމަނުޖެހޭކަން ފާޅުކޮށްފަ އެވެ. ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަހްގީގު ކުރުމަށް ފަހު އެފަރާތްތަކާ ދެކޮޅަށް ދައުވާކުރުމަށްޓަކައި ޚާއްސަ ކޯޓުތަކެއް އުފެއްދުން ވެސް މިގާނޫނުގައި ހިމެނެ އެވެ.

މިސްރުގައި މިހާރު މަސައްކަތްކުރާ ކޯޓުތަކުގެ ބަދަލުގައި މިފަދަ ފަރާތްތަކާ ދެކޮޅަށް ޝަރީއަތް ހިންގުމަށް ޚާއްސަ ކޯޓުތަކެއް އުފެއްދުމަކީ ގާނޫނީ ފަރާތްތަކުން މިގާނޫނަށް އެންމެ ބޮޑަށް ފާޑުކިޔާ އެއްސަބަބެވެ. މިގާނޫނުގައި، ޓެރަރިޒަމްގެ އަމަލުތައް ހިންގާ ޖަމާއަތެއްގެ ވެރިއަކަށް ހުރުމާއި އެފަދަ ޖަމާއަތަކަށް ނޫނީ މީހަކަށް ފައިސާގެ އެހީތެރިކަންދޭ މީހެއްގެ އަދަބަކީ މަރުގެ އަދަބުކަމަށް ވެސް ބުނެފައިވެ އެވެ. އަދި ޓެރަރިޒަމްގެ އަމަލުތަކާބެހޭގޮތުން ހަގީގަތާ ޚިލާފު ވާހަކަތައް ފަތުރާ ފަރާތްތައް 25 ހާހާއި 63 ހާސް ޑޮލަރާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުންވެސް މިގާނޫނުގައި ހިމެނެ އެވެ. ޓެރަރިޒަމްގެ އަމަލުތަކާ ބެހޭ ހަގީގަތާ ޚިލާފު ވާހަކަތަކުގެ ގޮތުގައި މިގާނޫނު ބުނަނީ މިސްރުގެ ދިފާއީ ވުޒާރާއިން އެކަމަކާބެހޭގޮތުން ނެރޭ ބަޔާންތަކާ ޚިލާފު ވާހަކަތަކެވެ.

މިގާނޫނުގައި ޓެރަރިޒަމަށް ހިއްވަރު ލިބޭފަދަ ޚިޔާލުތައް ޕްރިންޓްކޮށްގެން ވެސް އަދި އިންޓަނެޓްގެ ބްލޮގެއްގައި ނޫނީ އޮންލައިން ނޫހެއްގައި ނޫނީ ސައިޓެއްގައި ނަމަވެސް ފަތުރާ މީހެއްގެ އަދަބަކީ 5 އަހަރަށް ޖަލަށްލުން ކަމަށް ބުނެފައިވެ އެވެ.

މިސްރަކީ މިހާރު ޕާލަމެންޓެއް ނެތް ގައުމަކަށްވާތީ އެގައުމުގައި ގާނޫނުތައް ހަދަނީ ރައީސް އަބްދުލްފައްތާޙް އައްސީސީގެ ސަރުކާރުންނެވެ. ތަސްދީގު ކުރައްވަނީ ސީދާ އަބްދުލްފައްތާޙް އައްސީސީ އެވެ. (އަލްޖަޒީރާ)