މަތިންދާ ބޯޓެއްގެ ބައިތަކެއް ކަމަށް ބެލެވޭ އިތުރު ދެ އެތިކޮޅެއް ރާއްޖެ އިން ފެނިފައި ވާތީ އެއީ އެމްއެޗް 370ގެ ބައިތައްތޯ ބެލުމަށް މެލޭޝިއާއަށް ގެންދިއުމަށް އެގައުމުގެ ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައިފި އެވެ.

މީގެ ކުރިން ފެނިފައި ވަނީ އެމްއެޗް370 ގުޅުން ހުރި ބައިތަކެއް ނޫން ކަމަށް މެލޭޝީއާގެ ތަހުގީގު ޓީމުން ވަނީ ބުނެފަ އެވެ.

އިއްޔެ ފެނުނު ތަނުން އެކަތިކޮޅު ފަތާކޮށް އަދި އެނެއް އެތިކޮޅު ކުޅަނދުރު ހަތައެއްގެ ބައްޓަމަށް އޮތް ދޭތިކޮޅެއް ރާއްޖެ އިން ފެނިފައިވާ ކަން އިއުލާނުކޮށްފައި ވަނީ އިއްޔެ އެވެ.

އެ އެތިކޮޅުތައް މެލޭޝިއާއަށް ގެންގޮސް އިތުރަށް ތަހުލީލު ކުރުމަށް ނިންމާފައިވާ ކަމަށް މެލޭޝިއާގެ ޓްރާންސްޕޯޓް އޮތޯރިޓީއާ ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ރާއްޖެ އިން ފެނުނު އެތަކެއްޗާ ބެހޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެމުން މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދާތޯ ސެރީ ލިއޯ ޓިއޮންގ ލާއި ވިދާޅުވީ "އެއީ އަތްތިލައެއް ވަރުގެ ވަރަށް ކުޑަ އެތިކޮޅެއް،" ކަމަށެވެ.

"ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ބަލަންވީ އެއީ ހަމަ ހަގީގަތުގައި ވެސް މަތިންދާ ބޯޓެއްގެ އެތިކޮޅުތަކެއްތޯ،" އަލަށް ފެނުނު ބައިތައް އެއީ މީގެ ދެދުވަސް ކުރީން ރާއްޖޭން ފެނުނު ބައިތަކެއްކަން ފާހަގަކުރައްވައި ލިއޯ ޓިއޮންގ ވިދާޅުވެފައިވެ އެެވެ.

"އަޅުގަނޑުމެންގެ ޓީމުން ބަލާނެ އެއީ މަތިންދާ ބޯޓެއްގެ ބައިތަކެއްތޯ، އަދި އެކަން ޔަގީން ވެއްޖިއްޔާ އެބައިތައް އެއީ އެމްއެޗް370ގެ ބައިތަކެއްތޯ ބަލަން އެކަމުގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ ތަހުގީގީ ޓީމަށް ފޮނުވާނަން،" ލިއޯ ޓިއޮންގް ވިދާޅުވި އެވެ.

މެލޭޝިއާ އެއާލައިންގެ ފްލައިޓް ނަންބަރު އެމްއެޗް370 ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ، މިދިޔަ އަހަރުގެ މާޗް 8 ވަނަ ދުވަހު 227 ފަސިންޖަރުންނާއި 12 ފަޅުވެރީންނާ އެކު އެ ބޯޓް ކުއަލަލަމްޕޫރުން ފުރައިގެން ބެއިޖިންއަށް ދަތުރު ފެށިތާ ގަޑިއެއްހާއިރުގެ ތެރޭގަ އެވެ.

އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމެއް ކަމަށްވާ ރިޔޫނިއަން އިން މީގެ ދުވަސްކޮޅެއް ކުރީން އެމްއެޗް370ގެ ފިޔަގަނޑެއްގެ ބައެއް ފެނިފައިވާ އިރު، ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ވައްބިންފަރުން ވެސް ވަނީ، މަތިންދާ ބޯޓެއްގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް މީގެ ކުރީން ފެނިފަ އެވެ. ނަމަވެސް މެލޭޝިޔާ ސަރުކާރުން ބުނީ އެއީ އެމްއެޗު 370 ގެ ބައިތަކެއް ނޫން ކަމަށާއި އަދި އެއީ މަތިންދާ ބޯޓެއްގެ ބައެއް ވެސް ނޫން ކަމަށެވެ.