ހ. ހަންޑްރެޑް ފްލާވާ، ޖައިލަމް އަހްމަދު ޝާކިރު މަރާލި މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބެންޗެއް އެކުލަވާލައްވައިފި އެވެ.

އެ ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު މިއަދު ސަން އަށް ވިދާޅުވީ ޖައިލަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތް ހިންގަން ކަނޑައަޅާފައިވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ގާޒީ މުހުތާޒު ފަހުމީ އާއި ގާޒީ ސައީދު އިބްރާހީމް އަދި ގާޒީ އަހްމަދު ރަޝީދު ކަމަށެވެ.

އެ މައްސަލަ ބެލުމަށް ބެންޗު އެކުލަވާލާފައި ވަނީ ކޯޓުތަކުގެ ގާނޫނުގެ ދަށުން ކޯޓުގެ އިސްގާޒީ އަށް ލިބިގެންވާ ބާރުގެ ދަށުންނެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގެ ރޭ 10:00 އެހާކަންހާއިރު ތޫނު އެއްޗަކުން ހަމަލާދީ ޖައިލަމް މަރާލި މައްސަލައިގެ ތުހުމަތުގައި ތިން މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފަ އެވެ.

އެ މީހުންނަކީ ވ.ސިނަމާލެ 4 01-04 އިސްމާއީލް އަނީގު އާއި ސ. ފޭދޫ ވީނަސްވިލާ ނަސީބު ސައީދު އާއި ޏ. ފުވައްމުލައް ޖަމްނާ އަލީ އިރުފާނުގެ މައްޗަށެވެ.

ދައުލަތުން ކުރި ދައުވާގައި ވަނީ ޖައިލަމަށް ތޫނުއެއްޗަކުން ހަމަލާދީފައި ވަނީ އެ ތިން މީހުންނާ އެކު ޖައިލަމް ކައިރިއަށް ދިޔަ އިތުރު މީހާ ކަމަށެވެ. އަދި އެމީހާ ތޫނުއެއްޗަކުން ޖައިލަމަށް ހަމަލާދިން އިރު އިސްމާއީލް އަނީގު އޭނާގެ އަތުންނާއި ފައިން ޖައިލަމަށް ހަމަލާދިން ކަމަށް ވެސް ދައުވާގައިވެ އެވެ.

އިސްމާއީލް އަނީގުގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ އުފުލާފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު ގެ ފަސްވަނަ މާއްދާގެ (ށ) އާ ހަވާލާދީ އެމާއްދާގެ (ނ) ގެ ދަށުންނެވެ.

ދައުވާގައި ވަނީ ނަސީބު ސައީދު އާއި އަލީ އިރުފާން ޖައިލަމަށް ހަމަލާދިން މީހުން ގޮވައިގެން ސައިކަލުގައި ގޮސް އެމީހުން ފިލުވުމުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ދެ މީހުންގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ އެވެ.

އެ ދައުވާ އުފުލާފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު ގެ ފަސް ވަނަ މާއްދާގެ (ބ) އާ ހަވާލާދީ އެމާއްދާގެ (ޅ) ގެ ދަށުންނެވެ.

ދައުވާގައި ދައުލަތުން ފާހަގަކޮށްފައިވާ އިތުރު މީހާއަކީ ގއ. ވިލިނގިލީ ފިޔަޖަހާގޭ، މުހައްމަދު ހުމައިދެވެ. އޭނާ އަކީ ޖައިލަމަށް ވަޅިން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހާ އެވެ. އޭނާ ރާއްޖެއިން ބޭރަށް ގޮސް ފިލާފައިވާއިރު، އިންޓަޕޯލުން ވަނީ އޭނާ ހޯދުމަށް ރެޑް ނޯޓިސް ނެރެފަ އެވެ.