17 Aug 2015, 13:34
ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރާ މީހެއްގެ އަދަބުގެ ބާވަތް ބަދަލުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭތަށް މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަށް މެމްބަރުން ތާއީދުކޮށް ވާހަކަ ދައްކަވައިފި އެވެ.
އެ އިސްލާހަށް ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި ވާހަކަފުޅު ދައްކަވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވީ ކުށް ކުރުމުން ޖަލަށްލާ ކުށްވެރިންނަށް ލުއި ގޮތްތަކެއް ހޯދައިދިނުން މާބޮޑަށް ވެސް ލަސްވެއްޖެ ކަމަށެވެ. އޭނާ ވިދާޅުވީ މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަކީ ކުރިއަށް ދިއުމަށް އެޅި ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ.

މަރަދޫ ދައިރާގެ މެމްބަރު އިބުރާހިމް ޝަރީފު (މަވޯޓާ) މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ: ފޮޓޯ/ މަޖިލިސް
"އަޅުގަނޑުމެންގެ ގައުމަކީ ކުށަށް މީހުން އަރައިގަންނަ މިންވަރު މަދު ގައުމަކަށް ހަދަން ބޭނުން ކަމަށް ވަނީ ނަމަ ކުށް މަދު ކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރެވެން އެބަޖެހޭ އިއްޒަތްތެރި ރައީސް. ހަރުދަނާ ފިޔަވަޅުތަކެއް އަޅަން އެބަޖެހޭ،" މަވޯޓާ ވިދާޅުވި އެވެ.
ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވީ ސަރުކާރުގެ ފަރާތުން މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް އިސްލާހު ހުށަހަޅާފައި ވަނީ ވަރަށް މުނާސަބު ދަނޑިވަޅެއްގައި ކަމަށެވެ. އިލްހާމު ވިދާޅުވީ ޖަލުތަކުގައި ތިބޭ ކުށްވެރިންނަށް އެތަކެއް މިލިއަން ރުފިޔާއެއް ސަރުކާރުން ކޮންމެ އަހަރަކު ވެސް ހަރަދު ކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ އަބަދު އެކަން ކުރެވޭނެ އަދި ކޮށްގެންވެސް ވާނެ ގޮތެއް ނޫން ކަމަށެވެ.

ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ: ފޮޓޯ/ މަޖިލިސް
"ކުދި ކުދި ކުށްތައް ކޮށްފައިވާ ފަރާތްތައް ދައުލަތުން ބޮޑެތި ހަރަދުކޮށްގެން ޖަލުގައި އެބަ ބައިތިއްބާ. އޭގެ ސަބަބުން އެތައް ކަމަކާ ކުރިމަތިލާން އެބަޖެހޭ. ގައުމަށް އޭނަގެ ފަރާތުން ލިބެން ޖެހޭ ހިދުމަތް އުނިވެގެން އެބަދޭ. ދައުލަތުން ހަރަދުކޮށްގެން އޭނާ ޖަލުގައި ބަހައްޓަން އެބަޖެހޭ. އޭނާގެ އާއިލާ އަށް ނިކަމެތިކަން އެބަ ލިބޭ. ޖުމުލަކޮށް ބުނާ ނަމަ ކުށްވެރިޔާ ޖަލުގައި ހުރުމުން ދައުލަތަށް ލިބެނީ ގެއްލުން. އެހެންވީމަ އެބަޖެހޭ އޭނާ އެ ކުށުން ނުވަތަ ޖަލުގެ މާހައުލުން ނެރެވޭނެ ގޮތެއް ހަދަން،" އިލްހާމުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ ރާއްޖޭގައި ކުށް ކުރުމަކީ ޒުވާނުން އެކަނި ކުރާ ކަމަކަށް ވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ވަޒީފާއެއްގެ ގޮތުގައި ބައެއް ޒުވާނުން ކުށަށް އަރައިގަންނަމުންދާ ކަމަށެވެ. އަދި ވިދާޅުވީ މުޅި ގައުމު އޮތީ އިޖުތިމާއީ މައްސަލަތަކުން "ތޮށްޖެހިފައި" ކަމަށެވެ. އޭނާ ވަނީ ކުށުގެ ވެށި ސާފު ކުރުމަށް ސަރުކާރުތަކުން ފައިސާ ހަރަދުކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ: ފޮޓޯ/ މަޖިލިސް
މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު އިސްލާހު ހުށަހަޅާފައި ވަނީ މައާފްކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގިންތިތައް ކަނޑައަޅާފައިވާ އެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ރ) އަށެވެ.
މިހާރު އެ މާއްދާގައި ވަނީ މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބަކީ، އެކުށާ ގުޅިގެން އެއަށް ވުރެ ލުއި އަދަބުތަކެއް ކަނޑައެޅުމަށް ވެސް ގާނޫނުގައި ފުރުސަތު ލިބިގެންވާ ކުށެއްކަމުގައި ވާހިނދު އޭގެ ތެރެއިން ލުއި ބާވަތެއްގެ އަދަބަށް އޭނާގެ އަދަބުގެ ބާވަތް ބަދަލުކޮށްދިނުމަކީ ވެސް މައާފްކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގިންތިއެއް ކަމަށެވެ.
އެ މާއްދާއަށް ހުށަހެޅި އިސްލާހުގައި ވަނީ މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބުގެ ބާވަތް ބަދަލުކޮށްދިނުމަކީ ވެސް މައާފްކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގިންތިއެއް ކަމަށެވެ.
އެ އިސްލާހު އެގޮތަށް ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފިނަމަ، ޖަލު ހުކުމް ތަންފީޒު ކުރަމުންދާ މީހުން ގޭބަންދަށް ބަދަލުކުރުމުގެ ބާރު ގާނޫނީ ގޮތުން ރައީސަށް ލިބިގެންދާނެ އެވެ.
ތޯރިގު ވިދާޅުވީ މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ އެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން ބައެއް ގާނޫނުތަކުގައި އަދަބު ކަނޑައަޅާ ބާވަތްތަކާއި މިންގަނޑުތަކަށް ބަދަލު އައިސްފައިވާތީ އެ ގާނޫނުގެ މަގްސަދު ފުރިހަމަ އަށް ހާސިލް ކުރުމަށް ކަމަށެވެ.