17 Aug 2015, 12:11
އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލުގެ ކަރުގައި ހިފިކަމަށް އޭނާގެ މަންމަ އާފިޔާ މުހައްމަދު މަނިކު މިއަދު ކްރިމިނަލް ކޯޓުގައި އެއްބަސްވެއްޖެ އެވެ.
އާފިޔާގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއް އުފުލައިފަ އެވެ.
ގަސްތުގައި ކުއްޖަކު މަރާލުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވިކަމުގެ ދައުވާ އެވެ.
އާފިޔާގެ މައްޗަށް ގަސްތުގައި ކުއްޖަކު މަރާލުމުގެ ދައުވާ އުފުލާފައި ވަނީ މުހައްމަދު އިބްތިހާލު ނޭވާ ހާސްކުރުމުގެ ގޮތުން އޭނާގެ ކަރަށް ފިތާ، ފައިން ޖަހާ އަނިޔާ ކުރުމުގެ ސަބަބުން މި އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު 12:00 އެހާ ކަންހާރި އިބްތިހާލު މަރުވެފައިވާ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.
އާފިޔާގެ މައްޗަށް ދައުލަތުން ކޮށްފައިވާ ގަސްތުގައި ކުއްޖަކު މަރާލުމުގެ ދައުވާއަށް ޖަވާބުދާރީވަމުން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވާ ނިމުމުން ދައުވާއާ މެދު ދެކެނީ ކިހިނެތްތޯ ގާޒީ ވަނީ ސުވާލުކޮށްފަ އެވެ.
ދައުވާއަށް ޖަވާބު ދާރީވަމުން އާފިޔާ ބުނެފައި ވަނީ "އެއްބަސް ވަން" ކަމަށެވެ. އަދި އެއްބަސް ވަނީ ކޮން ކަމަކަށްތޯ ސުވާލުކުރުމުން އާފިޔާ ބުނީ ދައުވާގައި ބުނި ހުރިހާ ކަމަކަށް ވެސް އެއްބަސްވާ ކަމަށެވެ.
އިބްތިހާލުގެ ކަރުގައި ހިފިންތޯ އާއި މޭގައި ޖެހިންތޯ ގާޒީ ސުވާލު ކުރުމުން އޭގެ ޖަވާބަކަށް އާފިޔާ ބުނީ "ލައްބަ" އެވެ.
އާފިޔާގެ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ވިދާޅުވީ އާފިޔާގެ ފަރާތުން ޖަވާބު ދާރީވާނެ ވަކީލަކު ހުއްޓައި އާފިޔާ އާއި ސުވާލު ނުކުރެވޭނެ ކަމަށެވެ.
ގާޒީ މުހުތާޒު ފަހުމީ ވިދާޅުވީ ދައުވާއަށް ޖަވާބު ދާރީވާން ޖެހޭނީ ސީދާ ދައުވާ ލިބޭ ފަރާތް ކަމަށާއި އެގޮތަށް ގަވާއިދުގައި ވެސް ބުނެފައި ވާނެ ކަމަށެވެ.
އިބްތިހާލުގެ މަރުގެ މައްސަލައާ ގުޅިގެން ދައުލަތަށް އިތުރު ލިޔެކިޔުންތަކެއް ލިބިފައި ވާތީ އެތަކެތި ދިރާސާ ކުރުމަށް ވަގުތު ބޭނުންވާ ކަމަށް ބުނެ ދައުލަތުން ވަނީ ފުރުސަތަކަށް އެދިފަ އެވެ. އަދި ދިރާސާ ކުރުމަށް ފަހު ދައުވާއަށް ބަދަލު ގެންނަން ޖެހިދާނެ ކަމަށް ވެސް ދައުލަތުން ވަނީ ބުނެފަ އެވެ.
އިބްތިހާލު މަރުވެފައި އޮއްވައި ފެނުނުނު އިރު، އޭނާގެ އުރަވަޅި އޮތީ ދުޅަވެފަ އެވެ. ބެލެވޭ ގޮތުން އެއީ ބާރަށް ޖެހުމުން ވެދާނެ ގޮތެކެވެ. އަދި އިބްތިހާލު މަރުވި ދުވަހުގެ ކުރީ ދުވަހު އެ ކުއްޖާއަށް ޖޫސްތައްޓެއް ދިނުމުގެ އިތުރުން ރޭގަނޑުވަންދެން ކާއެއްޗެއް ނުދީ ހުރިކަން ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އިބްތިހާލަށް ޖިންސީ ގޯނާ ކުރި މައްސަލާގައި، އާފިޔާގެ ދޮން ބައްޕަގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ އުފުލާފަ އެވެ.