17 Aug 2015, 12:04
ރ. އަތޮޅު ކައުންސިލްގެ މެންބަރު މުހައްމަދު މުސްތަފާ އެމްޑީއޭ އަށް ސޮއިކުރައްވައިފި އެވެ. އޭނާ އެމްޑީއޭ އަށް ސޮއިކުރެއްވީ އެމްޑީއޭ އަށް މެންބަރުން އިތުރުކުރުމަށް މިހާރު ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ރ. އިނގުރައިދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެމްޑީއޭ އަށް ސޮއިކުރެއްވުމުގެ ކުރީން މުސްތަފާ ހުންނެވީ ޖުމުހޫރީ ޕާޓީގަ އެވެ.
އެމްޑީއޭ އަށް ސޮއިކުރެއްވުމަށް ފަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި މުސްތަފާ ވިދާޅުވީ، އެމްޑީއޭ އަށް ވެންނެވީ ތަރައްގީގެ ވިސްނުމާއި ރައްޔިތުންގެ ހެވާއި ލާބަ އަށް މަސައްކަތް ކުރާ ޕާޓީއަކަށް އެމްޑީއޭ ވާތީ ކަމަށެވެ. އޭގެ އިތުރުން އެމްޑީއޭ އަކީ ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅޭ، ލީޑަރޝިޕް ވެސް ވަރުގަދަ ޕާޓީއެއްގެ ގޮތުގައި ގަބޫލުކުރައްވާ ކަމަށް މުސްތަފާ ވިދާޅުވި އެވެ.
"އެމްޑީއޭ އަކީ ވަރަށް ސްޓޭބަލް ޕާޓީއެއް. ހަރުދަނާ ސިޔާސަތުތަކެއް އެމްޑީއޭ އިން ގެންގުޅޭތަން އެބަ ފެނޭ. އަނެއްކާ އެމްޑީއޭގެ ލީޑަރަކީ ތަރައްގީގެ ވިސްނުން ހުރި ރައްޔިތުންނަށް ކަންކަން ކޮށްދެއްވަން ބޭނުންފުޅުވާ ބޭފުޅެއްކަން ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް މިއަދު ގަބޫލުކުރޭ،" މުސްތަފާ ވިދާޅުވި އެވެ.
އިނގުރައިދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެ ރަށު ކައުންސިލްގެ ރައީސް އާއި އިތުރު މެންބަރަކު ވެސް ވަނީ އެމްޑީއޭ އަށް ސޮއިކުރައްވައިފަ އެވެ. ޕާޓީ އަށް މެންބަރުން އިތުރުކުރުމަށް އެމްޑީއޭ އިން އިނގުރައިދޫގައި އިއްޔެރޭ ބޭއްވި އެ ރަސްމިއްޔާތުގައި ޕާޓީގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި ޑެޕިއުޓީ ލީޑަރުން ކަމުގައިވާ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފުގެ އިތުރުން ޢާއިޝަތު ރަފިއްޔާ ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުުރުން އެ ޖަލްސާގައި ޕާޓީގެ ގައުމީ ކައުންސިލްގެ ބައެއް މެންބަރުންނާއި ގިނަ އަދަދެއްގެ އާންމު މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.