އަތޮޅުތަކުގައި ކުނި މެނޭޖު ކުރާ ސިސްޓަމް ގާއިމު ކުރުމުގެ ބަދަލުގައި ރީޖަނަލް ފެސިލިޓީސްތަކެއް އުފެއްދުމަށް ނިންމާފައިވާ ކަމަށް ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބު އަބްދުލްޣަފޫރު ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި މިއަދު ރަސްމީކޮށް ފެށި 3 އާރު ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރީޖަނަލް ފެންވަރުގައި ގާއިމު ކުރުމަށް ހާއްސަ ޕޮލިސީތަކެއް އެކުލަވާލާފައި ވަނީ ރާއްޖޭގެ އާބާދީ އެކި ރަށްރަށަށް އިންވެސްޓް ކުރަން ޖެހުން އުނދަގޫވެ ހަރަދު ބޮޮޑު ވުމުން ކަމަށެވެ.

"އަޅުގަނޑުމެންގެ ގައުމުގެ 340،000 މީހުން ބަހާލެވިފައި ވަނީ ރާއްޖޭގެ 188 ރަށަށް. އެހެން ވުމާ އެކު އަޅުގަނޑުމެންނަށް ވަރަށް އުނދަގުވޭ ކުނި މެނޭޖު ކުރުމަށް އެދެވިގެންވާ ސިސްޓަމްތަކެއް ގާއިމު ކުރުމަށް އިންވެސްޓް ކުރުމަށް. އެއާ އެކު އަޅުގަނޑުމެން ވާނީ ޕޮލިސީއަށް ބަދަލުތަކެއް ގެނެސް އަތޮޅު ފެންވަރުގައި ކުނި މެނޭޖު ކުރުމުގެ ސިސްޓަމްތައް ރީޖަނަލް ފެންވަރަށް ބަދަލުކޮށް ބޭނުން ކުރުމަށް ނިންމާފައި،" ނައިބު ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ތިމާވެށީގެ ހާލަތު އެދެވިގެންވާ ގޮތުގައި ބެހެއްޓުމަށް ޓަކައި ރަނގަޅު ކުނި މެނޭޖު ކުރުމުގެ ނިޒާމެއް އެކުލަވާލެވިފައި އޮތުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި ދިރިއުޅުމުގެ ގޮތްތަކަށް ގެންނަ ބަދަލުތަކާ ގުޅިގެން ކުނި މެނޭޖު ކުރުމުގެ ނިޒާމު ވަރުގަދަ ކުރުމަށް އުނދަގޫތަކެއް ކުރިމަތިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކުނި މެނޭޖު ކުރުމާއި ތިމާވެށްޓާ އޮތް ގުޅުމަކީ ރާއްޖޭގައި ވަކި ކުރެވެން ނެތް ދެ ގުޅުމަށްވާ އިރު ތިމާވެށި ހިމާޔަތް ކުރުމަކީ އެންމެ މުހިއްމު އެއް ކަންތައް ކަމަށް ނާއިބު ރައީސް ވިދާޅުވި އެވެ. ސަބަބަކީ ރާއްޖެއަށް ޓޫރިސްޓުން ޒިޔާރަތް ކުރަނީ ރާއްޖޭގެ ރީތި ކަމާއި ފަޅުތައް ބަލާލުމަށް ކަމަށް ވާތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރަނގަޅު ގޮތުގައި ކުނި މެނޭޖު ކުރާނެ ނިޒާމެއް އެކުލަވާލެވިއްޖެ ނަމަ އޭގެ ސަބަބުން އިގްތިސޯދަށް ވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ.